31 Oct 2017, 13:23
މޮސްކޯ (އޮކްޓޯބަރު 31): ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަވަހާރަކޮށްލަން ރޭވި ޗެޗްނިއާ މީހަކަށް ބަޑިން ހަމަލާދީ ޒަހަމްކޮށް، އޭނާގެ އަންހެނުން މަރާލައިފި އެވެ.
ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓްރީގެ އެޑްވައިޒަރު އެންޓަން ހެރަޝްޗެންކޯ ވިދާޅުވި ގޮތުގައި އެޑަމް އޮސްމަޔެވް އާއި އާމިނާ އޮކުޔެވާއަށް ބަޑިން ހަމަލާ ދިނީ އެގައުމުގެ ވެރިރަށް ކީވްގައި ކާރެއް ތެރޭ ތިއްބަ އެވެ.
މީގެ ފަސް އަހަރު ކުރިން އޮސްމަޔެވް، ޕުޓިން އަވާހަރަކޮށްލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރީ ރަޝިއާގެ އޮފިޝަލުންނެވެ. އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި އޮސްމަޔެވް އާއި އިތުރު ބަޔަކު މަސައްކަތް ކުރީ ޕުޓިން އާއްމުކޮށް ޒިޔާރަތް ކުރައްވާ މޮސްކޯގެ ކުޓުޒޮވްސްކީ އެވެނިއުގައި މައިންތަކެއް ހަރުކުރާށެވެ.
އެތުހުމަތުތަކާ ގުޅިގެން ރަޝިއާއިން ވަނީ އޮސްމަޔެވް އެގައުމާ ހަވާލު ކުރުމަށް ޔޫކްރެއިންއަށް އަންގާފަ އެވެ. ނަމަވެސް ޔޫކްރެއިން ވަނީ އެގައުމުން އަމަލު ކުރާނީ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން އަންގާ ގޮތަކަށް ކަމަށް ބުނެފަ އެވެ.
އިރުމަތީ ޔޫކްރެއިންގައި ތިބި ރަޝިއާ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާ ހަނގުރާމަކުރި އޮސްމަޔެވް އާއި އޮކުޔެވާ މަރާލުމަށް މީގެ ކުރިން ވެސް ހަމަލާއެއް ދީފައިވެ އެވެ. ނަމަވެސް އޮކުޔެވާ ވަނީ ހަމަލާ ދިން މީހާ މަރާލައި، އެހަމަލާ ނާކާމިޔާބުކޮށްފަ އެވެ. (ބީބީސީީ)