31 Oct 2017, 19:53
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ގެސްޓް ހައުސްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ގެސްޓްހައުސް އެޑިޝަންގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ލީޑިން ގެސްޓްހައުސް އެވޯޑް، ކ. މާފުށީ އެރީނާ ބީޗު ހޮޓެލްސްއަށް ލިބިއްޖެ އެވެ.
ލީޑިން ގެސްޓުހައުސް އެވޯޑް އެރީނާ ބީޗު ހޮޓެލްސަށް ދީފައި ވަނީ ރޭ މަޓާޓޯ އިން ކ. މާފުށީގައި ބޭއްވި "މަޓާޓޯ ޓްރެވަލް އެވޯޑްސްގެސްޓްހައުސް އެޑިޝަން"ގެ ވަނަތައް އިއުލާނު ކުރުމުގެ ހަފްލާގައެވެ.

މޮސްޓް ސަޕޯޓިވް ގެސްޓްހައުސް އެވޯޑް އެރީނާ ބީޗް ހޮޓެލްސް އަށް ހަވާލް ކުރުން -- ފޮޓޯ/ މަޓާޓޯ
އެރީނާ ބީޗް ހޮޓެލްސް، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން، 2017ގެ ލީޑިން ގެސްޓްހައުސް އެވޯޑް ހާސިލްކުރީ އިތުރު ހަ ގެސްޓްހައުސްއާ ވާދަކޮށްގެންނެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އެރީނާ ބީޗް ހޮޓެލްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސާމިހު ވިދާޅުވީ، މިފަހަރުގެ އެވޯޑު ދިނުމުގައި 60 ޕަސެންޓް ވޯޓުގެ މައްޗަށް ބިނާވެފައި އޮތުމުން އެ އެވޯޑު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ.

އެރީނާ ބީޗް ހޮޓެލްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސާމިހު -- ފޮޓޯ/ މަޓާޓޯ
އަދި އެ އެވޯޑް ހާސިލް ކުރެވުނީ އެރީނާ ބީޗް ހޮޓެލްސްގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުމާއި ބުރަ މަސައްކަތުންކަން ވެސް ސަމާހުވަނީ ފާހަގަ ކުރައްވާފައެވެ.
އެރީނާ ބީޗް ހޮޓެލްސްއަކީ 2014 ވަނަ އަހަރުން ފެށިގެން ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުން އަންނަ ގެސްޓްހައުސް އެކެވެ. ތިން ބުރިއަށް އިމާރާތްކޮށްފައިވާ 50 ރޫމް އެކުލެވޭގޮތަށް ހަދާފައިވާ އެ ހޮޓެލް ހިންގުމުގެ މަސައްކަތުގައި 70 އަށްވުރެ ގިނަ މުވައްޒަފުން އުޅޭއިރު 50 އަށްވުރެ ގިނަ މީހުންނަކީ ދިވެހިންނެވެ.

ލީޑިން ގެސްޓްހައުސް ބްރޭންޑްގެ އެވޯޑު އެރީނާ ބީޗް ހޮޓެލްސްއާއި ހަވާލް ކުރަނީ -- ފޮޓޯ/ މަޓާޓޯ
މަޓާޓޮއިންދޭ ލީޑިން ގެސްޓްހައުސް އެވޯޑު 2015 ވަނަ އަހަރު ވެސް ހާސިލްކޮށްފައިވާ އެރީނާ ބީޗް ހޮޓެލްސްއަށް ވަނީ މިއަހަރު އިތުރު ދެ އެވޯޑެއް ވެސް ލިބިފައެވެ. އެގޮތުން ލީޑިން ގެސްޓްހައުސް ބްރޭންޑް އަދި މޮސްޓް ސަޕޯޓިވް ގެސްޓް ހައުސްގެ އެވޯޑުވެސް ވަނީ ހާސިލް ކޮށްފައެވެ.