01 Nov 2017, 18:28
އިނގިރޭސިންނަކީ ދުނިޔޭގެ ގިނަ ކަންކަން އީޖާދު ކުރާ ބައެއް ނަމަވެސް ދިވެހިން ދަސްކޮށް ދޭ ފިލާވަޅުތައް އިނގިރޭސިން ދަސްކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފ. ނިލަންދުއަށް ވަޑައިގަތް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިނިރޭސިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އިނގިރޭސިންނަކީ ދުނިޔޭގެ ގިނަ ކަންކަން ފަށާ ބައެއް ނަމަވެސް ކުދިކުދި ގައުމުތަކުން އެ މީހުންނަށްވުރެ މޮޅަށް ކަންތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"އެ އޮތް ބޮޑު އެމްޕަޔާރގެ އިރު މިހާރު އޮއްސިއްޖެ. އަޅުނގަޑަކަށް ހިއެއް ނުވޭ މާގިނަ ނަމޫނާ ފިލާވަޅުތަކެއް އެ މީހުން ކައިރިން އަޅުނގަޑުމެން ދަސްކުރަން ހުރިހެނެއް. އަޅުނގަޑުމެން ދަސްކޮށް ދޭ ފިލާވަޅުތައް އިނގިރޭސިން ނަގަމުންދޭ،" ސަމާސާ ރާގަކަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެގޮތަށް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އެއީ ހިތާމަކުރައްވާ އަދި މުޅި ޖަމާއަތަށް ލިބޭ ފަޅުކަމެއްކަމަށް އިނގިރޭސިވިލާތުން ބުނެފައިވަނިކޮށް، ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން އިނގިރޭސިވިލާތް މިއަހަރުގެ ތެރޭގައި ވަކިވުމަށް އިޝާރާތް ކުރައްވައެވެ.
އަދި އދ. ގެ ވޯކިން ގްރޫޕުތަކުން ރާއްޖެއާ ދެކޮޅަށް ތަފާތު އަމުރުތަކެއް ނެރުނު ނަމަވެސް އެ އެއްޗެހި ދިވެހި ސަރުކާރުން ބަލައި ނުގަތުމުން އެކަމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުން ފާޑުކިޔުން އަމާޒުވިއިރު އިނގިރޭސިވިލާތާ ދެކޮޅަށް އދ. ގެ ވޯކިން ގްރޫޕުން ނެރުނު އަމުރުތަކަށް އެ ގައުމުން ވެސް ތަބާ ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އދ.ގެ ވޯކިން ގްރޫޕުން ރާއްޖެއާ ދެކޮޅަށް މީގެ ކުރިން އަމުރު ނެރެފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުންނާއި 11 އަހަރަށް ޖަލު ހުކުމެއް ތަންޒީރު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމުގެ މައްސަލަ ހިމެނެއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ހޭލުންތެރިކަމާ އެކީގައި ދުނިޔޭގެ ސަފުގައި ފައިތިލަ ސާބިތު ކުރާ ބައެއް ކަމަށެވެ. ނަމަވެސް ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ގާނޫނު އަސާސީގެ ބާރާއި އިންސާފު ވެރިކަމާއެކީގައި ހިންގަން ގައުމުގެ ވެރިން ބޭނުން ނުވުން ކަމަށް ވިދާޅުވިއެވެ.