މަގްބޫލު 'ރޭސް' ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް 'ރޭސް 3'ގެ ފުރިހަމަ ކާސްޓް ހާމަކޮށްފި އެވެ.

'ރޭސް'ގެ ފުރަތަމަ ދެ ފިލްމުގައި ވެސް ލީޑު ރޯލުން ފެނިގެން ދިޔައީ ސައިފް އަލީ ޚާން އެވެ. 'ރޭސް 1'ގައި ސައިފްގެ އިތުރުން ދެން ފެނިގެން ދިޔައީ އަކްޝޭ ޚަންނާ، ކެޓްރީނާ ކައިފް އަދި ބިޕާޝާ ބާސޫ އެވެ.

'ރޭސް 2'ގައި ސައިފް އާ އެކު ދެން ފެނިގެން ދިޔައީ ޖޯން އަބްރަހަމް، ދީޕިކާ ޕަދުކޯން އަދި ޖެކްލީން ފާނަންޑޭޒް އެވެ.

ފުރަތަމަ ދެ ފިލްމާ ޚިލާފަށް، 'ރޭސް 3'ގެ ކާސްޓް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ސައިފްގެ ބަދަލުގައި މިފަހަރު ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ސަލްމާން ޚާން އެވެ. ފިލްމުގެ އަންހެން ލީޑަކީ ޖެކްލީން އެވެ.

ސަލްމާން އާއި ޖެކްލީންގެ އިތުރުން ފިލްމުން ދެން ފެނިގެން ދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ އަދި ސާގިބް ސަލީމް އެވެ.

ފުރަތަމަ ދެ ފިލްމާ ޚިލާފަށް 'ރޭސް 3' ޑައިރެކްޓު ކުރާނީ ބޮލީވުޑްގެ ކާމިޔާބު ކޮރެއޮގްރަފާރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ރަމޭޝް ޓޯރާނީ އެވެ.

އަނިލް ކަޕޫރު އަކީ 'ރޭސް'ގެ ފުރަތަމަ ދެ ފިލްމުގައި ވެސް މުހިންމު ރޯލަކުން ފެނިގެން ދިޔަ ތަރި އެކެވެ. އެހެން ނަމަވެސް 'ރޭސް 3'ގައި އަނިލްގެ ރޯލެއް ނުހިމެނޭނެ އެވެ.