06 Nov 2017, 10:00
މުސްލިމުން އީރާނު ފަތަޙަކުރީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ. އީރާނު ފަތަޙަވީ އިރު އީރާނުގައި ތިބި މުސްލިމު ސިފައިންގެ ކޮމާންޑަރަކަށް ހުންނެވީ ސަޢުދު ބިން އަބީ ވައްޤާޞު ރަޟިޔަﷲ ޢަންހުއެވެ.
އެދުވަސްވަރުގެ ޙާދިޘާތަކުގެ ތެރެއިން ޙާދިޘާއެކެވެ. އީރާނުގެ ރަސްގެފާނު ޔަޒްދުގިރުދުގެ ލަފާގެމަތީން އޭނާގެ ސިފައިންގެވެރިޔާ ރުސްތުމް، ސަޢުދު ބިން އަބީ ވައްޤާޞު ރަޟިޔަﷲ ޢަންހުގެ އަރިހަށް މަންދޫބަކު ފޮނުއްވިއެވެ. ޞުލްޙައިގެ ވާހަކަ ދައްކާނެ ވަފުދެއް ފޮނުއްވައިދެއްވުން އެދިވަޑައިގެންނެވެ. މިގޮތުން މުސްލިމުންގެ ތެރެއިން އީރާނުގެ ވެރީންގެ އަރިހަށް ވަޑައިގެންނެވި ބޭބޭކަލުންކުރެ އެއްބޭކަލަކީ ރުބުޢީ ބިން އާމިރު ރަޟިޔަﷲ ޢަންހުއެވެ.
ރުބުޢީ ބިން އާމިރު ރުސްތުމްގެ ދަރުބާރަށް ވަޑައިގެންނެވިއިރު ރުސްތުމް ހުންނެވީ ދަރުބާރު ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވައިގެންނެވެ. ރުސްތުމްގެ ތަނަވަސް ފޭލިގެ ވިދައި ބަބުޅަމުން ދިޔައީ އަގުހުރި ދޫލައާއި ހައިބަތު ހުރި ތަޚްތާއި ރަންރިއްސާއި ޖަވާހިރާއި އަލިމަހުން ޒީނަތްތެރިކުރެވިފައިވާ ތަކެތީންނެވެ. ރުސްތުމް އިންނެވީ އޭނާގެ ތަޚުތުގައެވެ. އިސްތަށިފުޅުގައި ރަނުގެ ތާޖުކޮޅެއް އޮތެވެ.
ރުބުޢީ ބިން އާމިރު ރަޟިޔަﷲ ޢަންހު ތުރުކުރައްވައިގެން ހުންނެވީ ވަރަށް އާދައިގެ ހެދުންކޮޅެކެވެ. އެކަލޭގެފާނު ވަރަށް އަނަރޫފަ އަސްކޮޅެއްގެ މަތީގައި ވަޑައިގެން ރުސްތުމުގެ ފޭލިގެއަށް ވަދެވަޑައިގެންނެވިއެވެ. ރުބުޢީ އަސްކޮޅުގެމަތީގައި ރުސްތުމްގެ ތަޚުތާ ހަމަޔަށް ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނުގެ އުނަގަނޑުފުޅުގައި ކަނޑިކޮޅު އަޅުއްވައިފައިއޮތެވެ. ރުބުޢީ ވަޑައިގެން ރުސްތުމްގެ ތަޚުތު ކައިރިޔަށް ފައިބައިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ލޮންސިކޮޅު ދޫލައަށް ޖައްސަވައިފައި އެލޮންސިކޮޅުގައި އަސްކޮޅު ބެންނެވިއެވެ. ރުބުޢީ ހާމަކުރެއްވި ޖެހިލުންކުޑަ ކަމާމެދު ރުސްތުމްގެ މީހުން އިޢުތިރާޟުކުރުމުން އެކަލޭގެފާނު ޖަވާބުދެއްވިއެވެ. މިއީ އަހަރެން އަމިއްލަޔަށް އައި އައުމެއްނޫނެވެ. ތިޔަބައިމީހުން ދަޢުވަތު ދީގެން އައި އައުމެކެވެ. ތިޔަބައިމީހުން އަހަރެންގެ ގޮތުގައި އަހަރެން ބަހައްޓާށެވެ. އެހެންނޫނީ އަހަރެން އެނބުރި ހިނގައިދާނަމެވެ.
ރުސްތުމް އޭނާގެ މީހުން ހުއްޓުވިއެވެ. ރުބުޢީއާ ނުބެހުމަށް އެންގެވިއެވެ. ރުސްތުމް ރުބުޢީއާ ތަފާތު ސުވާލުތައް ކުރެއްވިއެވެ. އެއިން ކޮންމެ ސުވާލަކަށްވެސް ރުބުޢީ ސާފު ޖަވާބުދެއްވިއެވެ. ރުސްތުމް ކުރެއްވި އެއް ސުވާލެއްގެ ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ.
"މާތްﷲ އަޅުގަނޑުމެން ފޮނުއްވީ އެކަލާނގެ އަޅުތަކުންކުރެ ބަޔަކު ތިމާމެންފަދަ އެހެނިހެން އިންސާނުންނަށް އަޅުކަންކުރުމުން އެއްކިބާކުރުމަށްޓަކައެވެ. މާތް ﷲ އަށް އަޅުކަންކުރުމުގެ ފަރާތަށް ގެނައުމަށްޓަކައެވެ. ދުނިޔޭގެ ދަތިތަކާއި އުނދަގޫތަކުގެ ތެރެއިން ފަސޭހަކަމުގެ ތެރެއަށް ގެނައުމަށްޓަކައެވެ. ބާޠިލު ދީންތަކުގެ އަނިޔާވެރިކަމުގެ ތެރެއިން އިސްލާމްދީނުގެ ރަޙްމަތާއި ޢަދުލުވެރިކަމުގެ ތެރެއަށް ގެނެއުމަށްޓަކައެވެ. މާތްﷲ އެކަލާނގެ ދީނާއިގެން އެކަލާނގެ އަޅުތަކުންގެ ގާތަށް އަޅުގަނޑުމެން ފޮނުއްވިއެވެ. އަޅުގަނޑުމެން މީސްތަކުންނަށް އެކަލާނގެ ދީނަށް ދަޢުވަތު ދިނުމަށްޓަކައެވެ. އެހެންކަމުން އެ ދަޢުވަތު ޤަބޫލުކޮށްފި ބަޔަކު އަޅުގަނޑުމެންވެސް ޤަބޫލުކުރާނޫއެވެ. އަދި އެބައެއްގެގާތުން އެނބުރި ހިނގައިދާހުށީމުއެވެ. އެދަޢުވަތު ޤަބޫލުނުކޮށްފި ބަޔަކާ އަޅުގަނޑުމެން ހަނގުރާމަކުރާނޫއެވެ. އެ ބަޔަކު މާތްﷲ ގެ ވަޢުދުފުޅާ ހަމަޔަށް ފޮނުވައިލެވެންދެނެވެ."
ޞަޙާބީއެއްގެ މި ވާހަކަފުޅަކީ ހަމައެކަނި ސާދާ ބަސްފުޅުތަކެއްނޫނެވެ. އެވާހަކަފުޅުތަކުގައި އިޝާރާތްކުރައްވައިފައި އެވަނީ އަރަހުށި މާތްﷲ ޞަޙާބީން މެދުވެރިކުރައްވައި މިދުނިޔެއަށް ގެންނެވި މަތިވެރި އިންޤިލާބަށެވެ. އެ އިންޤިލާބު ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ ތާރީޚު ބަދަލުކޮށްލިއެވެ. އެކަމުގެ ތަފްޞީލު އަޅުގަނޑު ތަރުޖަމާކޮށްފައިވާ "އިސްލާމްދީން – ރަށްވެހި ދުނިޔޭގެ މޭސްތިރި" މި ފޮތުން ބައްލަވައިލެއްވިދާނެއެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވި ދުވަސްވަރު ދުނިޔޭގެ ޙާލަތު އޮތްގޮތާމެދު ފިކުރު ހިންގާއިރު މުޅި ދުނިޔޭގައިވެސް އޮތީ ވިރާޘީ ރަސްކަމެވެ. ވިރާޘީ ރަސްކަމުން މުޅި ދުނިޔޭގައިވެސް ޢާންމުކޮށްފައި އޮތީ ގޮށްމުށުބާރުގެ ވެއްޓެކެވެ. އެވެއްޓަށް ހެންރީ ޕައިރީން ނަންދެއްވައިފައިވަނީ ( imperial absolutism)ގެ ނަމުންނެވެ. އެމީހެއްގެ ބޮލުގައި ވެރިކަމުގެ ތާޖު އޮންނަ މީހާއަކީ އެންމެންގެ ސާހިބާއެވެ. ދެން ތިބެނީ ހައްތާވެސް އޭނާގެ އަޅުންނެވެ.
ޝަރީކުކުރުމުގެ މައްޗަށް ބިނާވެފައިވާ ދީންތަކާއި، ގޮށްމުށުބާރުގެ ރަސްކަމާ އަތާ އަތްގުޅައިލައިގެން ސައިންޓިފިކް ގޮތުން ފިޠުރަތު ދިރާސާކުރުމުގެ މަގު އޮތީ ބަންދުކޮށްފައެވެ. އޭގެ ނަތީޖާއަކަށް ވެފައި ވަނީ މާތްﷲގެ ނިޢުމަތްތަކުގެ ތެރެއިން ފިޠުރަތުގެ ފޮރުވިފައިވާ ހުރިހާ ނިޢުމަތްތަކަކީ ނުހޯދޭ އަދި ބޭނުން ނުކުރެވޭ ނިޢުމަތްތަކެއްކަމުގައި ވެފައި އޮތުމެވެ.
ދީނުގެމައްޗަށް އޮތީ ދީނީ ލީޑަރުންގެ ވަރުގަދަ އަތްގަދަކުރުމެވެ. އެބައިމީހުން ތިބީ މާތްކަލާނގެ ޙަޟްރަތުން ބިމުގައިލައްވައިފައިވާ އެކަލާނގެ މަންދޫބުން ކަމުގައި ހެދިގެންނެވެ. އިންސާނުން އަޅުވެތިކޮށްގެންނެވެ. އެބައިމީހުން އުފައްދައިގެން އުޅުނު އަޞްލެއްނެތް ދީންތަކުގެ އަނިޔާވެރިކަމުގެ ދަށުގައި މުޅި އިންސާނިއްޔަތު ދިޔައީ ފިސްފިސްވަމުންނެވެ. އެނިޒާމާ ދެކޮޅުހަދާ މީހުންނަށް ދެމުން ގެންދިޔައީ ބޮޑެތި އަދަބުތަކެވެ. އެހެންމީހުން ނިކަމެތިކަމާއެކު ބޯލަންބައިފައި ބައިތިއްބުމަށްޓަކައެވެ. އެއްވެސް މީހަކަށް އެނިޒާމާ ދެކޮޅަށް ބަހެއްބުނެލުމުގެ ހިތްވަރު ނުދިނުމަށްޓަކައެވެ.
މާތްﷲ އެދިވޮޑިގެންވަނީ އެޙާލަތު ބަދަލުކޮށްލެއްވުމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން އިސްވެދެންނެވި ގޮށްމުށުބާރާއި އަނިޔާވެރިކަމުގެ ނިޒާމު މުގުރައިލެއްވިއެވެ. އެކަމަށްޓަކައި އާދަޔާ ޚިލާފު ޤުރްބާނީތަކެއް ވެވަޑައިގެންނެވިއެވެ. އެބޭކަލުން އިންސާނުންގެ ކުރިމަތީގައި މާތްﷲގެ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވިއެވެ. އެދޮރުކޮޅުތަކަކީ އެތައްހާސްއަހަރެއްގެ ކުރީއްސުރެ އިންސާނުން އަމިއްލަޔަށް އިންސާނުންގެ ކުރިމަތީގައި ބަންދުކޮށްފައިހުރި ދޮރުކޮޅުތަކެކެވެ.