08 Nov 2017, 10:06
އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސެކިއުރިޓީ ގާޑަށް ވަޅީން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ހިދަތޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު މިއަދު 'ސަން' އަށް ވިދާޅުވީ، ބިދޭސީއަކަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ފަރުވާ ދިނުމަށް ރޭ ފަތިހު 4:30ގައި އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާ އަކީ ބަންގްލަދޭޝް މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވަޅިން ހަމަލާ ދީފައި ވަނީ އެމީހާގެ ކޮނޑަށް ކަމަށާއި ގާތްގަނޑަކަށް ތިން އިންޗި ފުންމިނަށް ވަޅި ހަރާފައިވާ ކަމަށެވެ. އިތުރު ޒަހަމެއް ލިބިފައި ނެތް ކަމަށް ވެސް ނަޖީބު ވިދާޅުވި އެވެ.
އެމީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ނަޖީބު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ، ރޭ ފަތިހު 04:20ގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާތީ، އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.