ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސިފައިންނާ މެދު މާރާމާރީ ހިންގިތަން ފެނިފައިނުވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މިއަދު މެންރުފަހު 2:00އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ދެ ތުހުމަތު ކޮށްފައިވާ ކަމަށެވެ.

އެއީ ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތާއި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ ތުހުމަތަށް ވެސް ނިޒާރު ވަނީ އިންކާރު ކުރައްވައި ފުލުހުންނަށް ބަޔާނެއް ދެއްވާފައެވެ.

"މާރާމާރީ ހިންގިއްޔާ އަޅުގަނޑަށް ވެސް އަނިޔާ ވާނެ ނޫންތޯ. އެބޭފުޅުންނަށް އެކަނި ނޫންތާ ފެންނާނީ. މާރާމާރީ ހިންގުމުގެ މާނައަކީ ދެފަރާތުން ތަޅާފޮޅުން ހިންގުން. ހަމަގައިމުވެސް އަޅުގަނޑަކަށް ސިފައިންގެ މީހަކު ހަމަލާދީފައެއް ނެތް. އަޅުގަނޑު ކީއްކުރަންތޯ ސިފައިންގެ މީހަކަށް ހަމަލާދޭންވީ. ސިފައިންގެ މީހުންނާއި އަޅުގަނޑުމެންގެ މީހުންނާ ހަމަލަދީގެން ތަޅައި އުޅުނު މަންޒަރެއް އަޅުގަނޑު ނުދެކެން،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މަޖިލިސް މެމްބަރުން ސިފައިންގެ ވާޖިބަށް ހުރަސްއަޅާފައިނުވާ ކަމަށާއި މެމްބަރުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅީ ސިފައިން ކަމަށެވެ.

"އަޅުގަނޑަށް އިހްސާސްކުރެވުނެ އަޅުގަނޑުމެން ކުރަން އުޅޭ ކަންކަމަށް ހުރަސްއަޅާތަން. އަޅުގަނޑުމެންނަށް ޗެމްބަރުތެރޭގައި ވެސް އިހްތިޖާޖު ކުރެވޭނެ. ގާނޫނު އަސާސީން އަޅުގަނޑުމެންނަށް ލިބިދޭ އަސާސީ ހައްގެއްގެ ގޮތުގައި އޮންނަ ކަމެއް އިހްތިޖާޖު ކުރުމަކީ،" ނިޒާރު ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ވެސް ހިތްހަމަނުޖެހޭ ކަމެއް މަޖިލީސް ޗެމްބަރުގެ ތެރޭގައި ހިނގާނަމަ އިހްތިޖާޖު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އަދި އެ ދެ މެމްބަރުންގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސް ދުވަހަށް ހިފަހައްޓާފައެވެ.

އެ މައްސަލައާ ގުޅިގެން ދެން ތުހުމަތު ކުރަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށެވެ. ސްރީލަންކާގައި ހުންނަވަނިކޮށް މަހުލޫފްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.