ދިރާގަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ހިއްސާދާރެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ޒުވާނުން ހުނަރުވެރިކޮށް ޒުވާނުން ތަރައްގީ ކުރުމަށް ތައުލީމީ ދާއިރާއިން ކުރާ މަސައްކަތުގެ ބައިވެރިއަކަށް ދިރާގު ވުމަކީ އެމަސައްކަތުގައި ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.

ދިރާގަކީ ތަރައްގީއާ އެއްހަމައެއްގައި ބޭނުން ކުރެވޭ ނަމެއް ކަމަށާއި ދިރާގުގެ ސަބަބުން ތަރައްގީގައި ދާންވީ ހުރިހާ ދިމާއަކަށް މަގުފަހިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޓުއަރިޒަމް ދާއިރާ ކަމަށްވިޔަސް އަދި އެހެން ދާއިރާ އަކުން ވިޔަސް ގައުމުގެ ތަރައްގީގެ އެންމެ މުހިއްމު އެއް ކޮންޓްރިބިއުޓާ އަކީ ދިރާގު،" ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ޒުވާނުންނާ އިންޓަނެޓާ މިހާރު ވަނީ ގުޅި ލާމެހިފައިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމު ހާސިލްކުރާ ބޮޑު އިންސައްތައެއް މިހާރު ތައުލީމު ހާސިލްކުރަނީ އިންޓަނެޓް މެދުވެރިކޮށް ހިންގޭ ކޯސްތައް މެދުވެރިކޮށް ކަމަށެވެ. ޓިވެޓް އޮތޯރިޓީން ހިންގާ ގިނަ ކޯސްތަކަކީ އިންޓަނެޓް ބޭސްޑް ކޯސްތަކެއް ކަމަށާއި 2014 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައިއިރު 6500 ދަރިވަރުން މި ކޯސްތައް ފުރިހަމަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 1997 ވަނަ އަހަރު އިންޓަނެޓް ބޭނުން ކުރާ މީހުންގެ ނިސްބަތް އުޅުނީ 1.7 ޕަސެންޓްގައެވެ. އެހެން ނަމަވެސް މިހާރު އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އިންޓަނެޓް ބޭނުން ކުރާ މީހުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

" ދުނިޔެއަށް މިއަންނަ ބަދަލާ އޭގެ ފައިދާ ބޭނުން ކުރުމަކީ ތަރައްގީއަށް އަންނަ ބަދަލުގައި މުހިއްމު ކަމެއްކަމަށް އަޅުގަނޑު ގަބޫލު ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި 22 ކުއްޖަކަށް މއިަދު ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި މިއަހަރު މި ޕްރޮގްރާމަށް 19 ކުއްޖަކު ވަނީ ގުޅިފައެވެ.