މަޝްހޫރު އެޕަލް ކުންފުނީގެ އައިފޯންގެ އެންމެ ފަހުގެ ވާޝަން "އައިފޯން އެކްސް"ގެ ޕްރީ-އޯޑަރ ނެގުމަށް ތައްޔާރުވަމުންދާކަމަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިން ބުނެފިއެވެ.

މިމަހުގެ ތިން ވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް ނެރުނު، އައިފޯން އެކްސްގެ ޕްރީއޯޑަރ ނަގަން ދިރާގުން ހުޅުވައިލާނީ މި ހިނގާ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ދިރާގުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 24 ވަނަ ދުވަހު ޕްރީ-އޯޑަރަށް ހުޅުވާލުމުން އެ ފުރުސަތުގައި، ނަންނޯޓުކުރާ ފަރާތްތަކަށް އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު، ފޯނު ލިބޭނޭ ކަމަށެވެ. އެހެން ނަމަވެސް ފޯނު ވިއްކާނޭ އަގުތައް އަދި ދިރާގުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ އޮންލައިން ބާޒާރުގައި މިހާރުވެސް، އައިފޯން އެކްސް ވިއްކަމުން ދެއެވެ. އެގޮތުން އެޕަލް ސްޓޯރުގައި 64 ޖީބީގެ ފޯނެއް 999 ޑޮލަރު (15405 ރުފިޔާ)އަށް ލިބޭއިރު، ރާއްޖޭގައި މީގެ ފޯނެއް މިވަގުތު ވިއްކަނީ 24،000 އާ 27،000 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި 256 ޖީބީގެ ފޯނެއް އެޕަލް ސްޓޯރުން 1149 ޑޮލަރު (17717 ރުފިޔާ) އަށް ވިއްކާއިރު ރާއްޖޭގައި މިވަގުތު އޭގެ ފޯނެއްގެ އަގު އުޅެނީ 32،000 ރުފިޔާއާއި 34،000 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ދިރާގުން ވަނީ، މިދިޔަ އޮކްޓޫބަރު 20 ވަނަ ދުވަހު، އައިފޯން 8 އަދި އައިފޯން 8 ޕްލަސްގެ ޕްރީއޯޑަރު ކުރި ފަރާތްތަކަށް ފޯނު ވިއްކަން ފަށައިފައެވެ.

މީގެ އިތުރުން އަބަދުވެސް އެންމެ ފަހުގެ މޯބައިލް ފޯނުތައް ދިވެހީންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ދިރާގުން މީގެ ދެދުވަސް ކުރީން ވަނީ، ސެމްސަންގް ގެލެސީ ނޯޓް 8ގެ ޕްރީ އޯޑަރު ނެގުމަށް ހުޅުވާލައިފައެވެ.

ދިރާގުގެ ހެޑް އޮފް މާކެޓިން އިޒަބެލް ހަޖްރީ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފަހުގެ ފޯނުތައް އެންމެ ފުރަތަމަވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.