11 Nov 2017, 09:52
ރަންބީރު ކަޕޫރު އަކީ ހަމަގައިމުވެސް މިވަގުތު ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އަދި ކާމިޔާބު އެއް އެކްޓަރެވެ. ރަންބީރު ނިސްބަތް ވަނީ މަޝްހޫރު ކަޕޫރު އާއިލާ އަށެވެ.
ރަންބީރު ބޮލީވުޑަށް ތައާރަފުވީ މީގެ 10 އަހަރު ކުރިންނެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ ސޯނަމް ކަޕޫރު އާއެކު ފިލްމު 'ސާވަރިޔާ' އިންނެވެ. ފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް ރަންބީރުގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ.
ފާއިތުވި 10 އަހަރުގައި ރަންބީރު ވަނީ ޖުމްލަ 16 ފިލްމެއް ކުޅެފައެވެ. އޭގެ ތެރޭގައި ކާމިޔާބު ފިލްމުތަކާއި، އެވަރެޖް ފިލްމުތަކުގެ އިތުރުން ފްލޮޕް ފިލްމުތައް ވެސް ހިމެނެ އެވެ. ރަންބީރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، 'ރޮކްސްޓާ'، 'ރާޖްނީތީ'، 'ވޭކް އަޕް ސިޑް'، 'ބަރްފީ'، 'އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ' އަދި 'ޔޭ ޖަވާނީ ހޭ ދިވާނީ' ފަދަ ފިލްމުތައް ހިމެނެ އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެ އެވޯޑުތަކެއް ހޯދާފައި ވީނަމަވެސް، ރަންބީރު ފަހުން ކުޅުނު 'ބޮމްބޭ ވެލްވެޓް'، 'ތަމާޝާ' އަދި 'ޖައްގާ ޖާސޫސް' ވަނީ ބޮކްސް އޮފީހުގައި ފްލޮޕް ވެފައެވެ.
ފިލްމުތައް ފްލޮޕް ވުމާއެކު ރަންބީރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައެވެ. ނަމަވެސް ރަންބީރު މިހާރު އަންނަނީ އޭނާގެ ކެރިއަރުގެ އެންމެ އުންމީދީ ފިލްމަށް ތައްޔާރުވަމުންނެވެ. އެއީ ސަންޖޭ ދަތުގެ ބަޔޮޕިކް އެވެ. އެ ފިލްމަށް ފަހު ކާމިޔާބު ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމަކުން ވެސް ރަންބީރު ފެނިގެންދާނެ އެވެ.