13 Nov 2017, 08:54
ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމާ މީހުން ގުޅެނީ 2018 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމަށް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނޫން އެހެން ބޭފުޅަކު އިންތިހާބު ވެއްޖެ ނަމަ ރާއްޖޭގެ ކުރިމަގު ބަނަވާނެ ކަމަށް އެ މީހުންނަށް ގަބޫލު ކުރެވޭތީ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޕީޕީއެމްގެ "އުދުހޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، ތަފާތު ވިސްނުމުގެ ތަފާތު ބޭފުޅުން ރައީސް ޔާމީން ޕީޕީއެމް ހިންގުމާ ހަވާލުވެ ވަޑައިގެން ފަހުން އެ ޕާޓީއާ ގުޅެމުންދާ ކަމަށެވެ.
އެގޮތަށް ޕީޕީއެމާ ގުޅިގެން ދަނީ، ރައީސް ޔާމީން ރާއްޖެ ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތްތައް ގަބޫލު ކުރާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސް ޔާމީން ދިވެހިރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރައްވާ މަސައްކަތްތައް ގަބޫލު ކުރައްވައިގެން މުސްތަގުބަލުގައި ރައީސް ޔާމީން 2018 ގައި ހޮވިގެން ނޫނިއްޔާ ރާއްޖޭގެ ކުރިމަގު ބަނަވާނެ ކަމަށް ގަބޫލު ކުރެވޭތީ އެހެންވެގެން އެމީހުން މި ޕާޓީއާ ގުޅިގެން މިދަނީ،" ޒަމީރު ވިދާޅުވި އެވެ.
ރޭ ކުޅުދުއްފުށީގައި ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އޭނާ ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަށްފަހު އެމްޑީޕީން ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ ދަރަނި އެމްޑީޕީ ސަރުކާރު ނިމިގެން ދިޔަ އިރު އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ ޒަމީރު ވިދާޅުވީ، 2018ގައި އެމްޑީޕީ ނުވަތަ އެހެން ބަޔަކު ސަރުކާރާ ހަވާލުވެއްޖެނަމަ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފ. ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު މުބީން ވިދާޅުވީ، އަންނަ އަހަރުގެ އިންތިހާބުގައި ރައީސް ޔާމީން ނުހޮވިއްޖެ ނަމަ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.
"މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް 12 އަހަރު ފަހަތަށްދާނެ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މިއަންނަ އިންތިހާބުގައި ނުހޮވިއްޖެ ކަމުގަ ވާނަމަ،" މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި މިއަދުގެ ސަރުކާރުން ފަށާފައި ހުރި ބޮޑެތި މަޝްރޫއުތައް ހުއްޓިގެންދާނެ ކަަމަށާއި، ރައީސް ޔާމީން ނޫން އެހެން ބަޔަކު ވެރިކަމަށް އަތުވެއްޖެ ނަމަ އެ ޕްރޮޖެކްޓްތައް ހިންގާނެ ގޮތް ނޭނގޭނެ ކަމަށެވެ.
ކުޅުދުށްފުއްޓާއި ހދ.ގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.