ޓީވީއެމްގެ ވަޒީފާއިން ވަކިކުރި ނޫސްވެރިޔާ، ނަސްރުﷲ އަބްދުލް ހާދީއަށް އަލުން ވަޒީފާ ދިނުމަށް ޕަބްލިކް ސާވިސް މީޑިއާގެ މައްޗަށް ހައިކޯޓުން ވެސް އަމުރުކޮށްފި އެވެ.

ހައިކޯޓުން އެ ގޮތަށް އަމުރުކުރީ ޓްރައިބިއުނަލުން 2015 ވަނަ އަހަރުގެ ޖޫން މަހު ނިންމި ނިންމުމުން ޕީއެސްއެމް އިން އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމުގަ އެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ނަސްރުﷲ އަދާކުރަމުން ދިޔަ ނިއުސްކާސްޓަރުކަމުގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން އޭނާ އަދާކުރަމުން ދިޔަ ބާވަތުގެ ވަޒީފާއެއް ނުވަތަ އެފެންވަރުގެ އެހެން ވަޒީފާއެއްގައި އަލުން އޭނާ ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާ އިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

އެ ހުކުމުގައި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭ ދުވަހާ ހަމައަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުމަށް ޕީއެެސްއެމްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ނަސްރުﷲ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރި ނަމަވެސް، ޓްރައިބިއުނަލުގެ ނިންމުމުގެ ބައެއް ވަނީ ބާތިލު ކޮށްފަ އެވެ.

އެއީ، ޓްރައިބިއުނަލުގެ ނިންމުމުގައިވާ ރާއްޖެތެރޭ ރަށެއްގައި ހުންނަ މުވައްޒަފަކަށް މަހަކު ދޭންޖެހޭ 3000 ރުފިޔާ އާއި ކޮއްތުގެ ގޮތުގައި މަހަކު ދޭންޖެހޭ 1،800 ރުފިޔާއާ އެކު 21 މަހަށް ޖުމްލަކޮށް ޖެހޭ 100800 ރުފިޔާ ނަސްރުﷲ އަށް ދިނުމަށް އަމުރުކޮށްފައިވާ ބަ އެވެ.

ނަސްރުﷲ ވަޒީފާއިން ވަކިކޮށްފައި ވަނީ، އޭނާ އައްޑޫ ސިޓީގެ ޓީވީއެމް ބިއުރޯގައި މަސައްކަތް ކުރަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.