ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމައިފި އެވެ.

އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަލީ ފަވާޒް ޝަރީފު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ޔުނިވަސިޓީއަށް ލިބިފައިވާ ބިމުގައި 15 ބުރީގެ ދެ ޓަވަރު އަޅާނެ ކަމަށާއި އެ ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންނަށް 360 ފްލެޓް ދެ އަހަރު ތެރޭގައި ލިބިގެންދާނެ ކަމަށެވެ.

ދެ ޓަވަރު އެޅުމަށް މިހާރު ކައުންސިލުން ވަނީ ހުއްދަދެއްވައި އަދި ބަޖެޓެއް ދެއްވާފައިވާ ކަމަށާއި މާލީ އިތުރު އެހީ ހޯދުމަށް ކައުންސިލުން މިހާރު ހުއްދަ ދެއްވާފައިވާ ކަމަށް ވެސް ފަވާޒް ވިދާޅުވި އެވެ.

"ފްލެޓްތައް ދޫކުރުމުގެ އުސޫލުތައް ނިންމުމަށް މެނޭޖްމަންޓުން މަސައްކަތްތަކެއް މިދަނީ ކުރަމުން. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފްލެޓްތައް ދޫކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ފަވާޒް ވިދާޅުވީ ޔުނިވަސިޓީގެ ވިސްނުމަކީ ހުރިހާ ފަންތީގެ ބޭފުޅުންނަށް ވެސް މި ޕްރޮޖެކްޓުން ފައިދާވާނެ ގޮތަކަށް ހުރިހާ ކަމެއް ވެސް ހަމަޖެހިގެން ދިޔުން ކަމަށެވެ.