ސިޔާމް މައުރޫފް ސޮކާ ކަޕް މިއަހަރު ވެސް ނިމިގެންދާނީ މަޝްހޫރު ފުޓްބޯޅަ ލެޖެންޑަކާ އެކު ކަން އިއުލާންކޮށްފި އެވެ.

އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް މިފަހަރު ވެސް ފުޓްބޯޅަ ލެޖެންޑެއް ގެންނާނެ ކަން އިއުލާން ކޮށްފައި ވަނީ، އެ މުބާރާތް ފެށުމަށް ނ. މާޅެންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ މުބާރާތުގެ އެއް ބާނީ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ދެ ބާނީން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް، އަދި އަރިހުގައި ރާއްޖޭގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޤަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ، މިއަހަރުގެ މުބާރާތް ވެސް ނިމިގެންދާނީ ވަރަށް ކުލަގަދަކޮށް ކަމަށާއި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު މުބާރާތް ވެސް ކާމިޔާބުކަމާ އެކު ނިންމާލުމަށް ނ. އަތޮޅުގެ ރައްޔިތުންނާއި ޓީމުތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވެސް ވަނީ އެ މުބާރާތް ނިމިގެންދާނީ ވަރަށް ކުލަގަދަކޮށް ކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެއް ބާނީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު: މިއަހަރުގެ މުބާރާތް ނިންމުމަށް ވެސް ފުޓްބޯޅަ ލެޖެންޑެއް ގެނައުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރުގެ މުބާރާތް ވެސް ނިމިގެންދިޔައީ ވަރުގަދަ ފުޓްބޯޅަ ލެޖެންޑަކާ އެކު އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ގެނެސްފައި ވަނީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އެވެ. އެ ރަސްމިއްޔާތުގައި ޕުޔޯލްގެ އިތުރުން އޭނާގެ އަންހެނުން އަދި ސްޕެއިންގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ ވެނެސާ ލޮރެންޒޯ ވެސް ބައިވެރިވި އެވެ.

މިއަހަރުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ފުޓްބޯޅަ ލެޖެންޑެއް ގެންނާނެ ކަން އިއުލާންކުރި ނަމަވެސް، އެއީ ކޮން ލެޖެންޑެއް ކަމެއ ހާމަކޮށްފައެއް ނުވެ އެވެ. އެެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހޯދުމަށް 'ސަން ސްޕޯޓްސް' އިން ސުވާލުކުރުމުން މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޤަނީ ވިދާޅުވީ، ދެ ލެޖެންޑުންނާ ވާހަކަ ދައްކާފައިވާނެ ކަމަށާއި އޭގެ ތެރެއިން އެއް ލެޖެންޑެއް އަންނާނެ ކަމަށެވެ. ނަމަވެސް އެ ދެ ލެޖެންޑުންގެ ނަމެއް އައްސަދު ހާމަކޮށްފައެއް ނުވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބޭއްވިގެންދާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ.