މާލޭގެ ދެކުނު ފަރާތުގައި ހިންގަމުން ގެންދާ ގާޑިޔާތައް ހުސްކުރަން ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

ގާޑިޔާތައް ހުސްކުރުމަށް މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ އެންގުމެއް އަންގާފައެވެ. ގާޑިޔާތަކުގެ ވެރިންނަށް ލިޔުމުން އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ ކުރިން ގާޑިޔާތައް ހުސްކުރުމަށެވެ.

"ސަން" އަށް ކޮޕީ ލިބިފައިވާ އެ އެންގުމުގައި ވަނީ ގާޑިޔާތައް ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެ ލިޔުން ލިބޭތާ ތިން ދުވަސް ތެރޭގައި ހުސްކުރުމަށެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ގާޑިޔާތައް ހުސްނުކޮށްފިނަމަ، އެ މިނިސްޓްރީން އެތަންތަން ހުސްކުރާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އެންގުމުގައިވެއެވެ.

ގާޑިޔާ ވިޔަފާރި ކުރާ ދިވެހި އަންހެން ސޭޓަކު ބުދަ ދުވަހުގެ ރޭ "ސަން" އަށް ކިޔައިދިންގޮތުގައި އެ އެންގުމާ މެދު ހިތްހަމަނުޖެހިގެން ހައުސިން މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުންނާ ބައްދަލުކުރަން މިއަދު މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.

ގާޑިޔާއެއްގައި މަސައްކަތް ކުރާ އަންހެން ސޭޓަކު --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ގާޑިޔާތައް ހިންގާ 14 އަށް ވުރެ ގިނަ މީހުން ބުދަ ދުވަހު އަޅުގަނޑުމެން ހައުސިން މިނިސްޓްރީއަށް ގޮސްގެން ކުރި މަސައްކަތުން ވެސް އެ މިނިސްޓްރީގެ ކަމާ ބެހެ ބޭފުޅުންނާ ބައްދަލުކުރެވޭނެ ގޮތެއް ނުވި،" ގާޑިޔާ ހިންގާތާ 10 އަހަރުވެފައިވާ އަންހެން ސޭޓަކު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ހައުސިން މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުންނާ ބައްދަލުކުރެވޭގޮތް ނުވުމުން ދެން އެމީހުން ދިޔައީ ޕީޕީއެމްގެ އޮފީހަށެވެ.

"ޕީޕީއެމްގެ އޮފީހަށް ގޮސް އަޅުގަނޑުމެން މަޖިލިސް މެމްބަރުންތަކަކާ ބައްދަލުކުރިން. ހައުސިން މިނިސްޓްރީން ފޮނުވާފަ ހުރި ލިޔުންތައް އަޅުގަނޑުމެން އެ މެމްބަރުންނަށް ދެއްކިން. އަޅުގަނޑުމެންގެ ހުރިހާ ކަންބޮޑުވުންތައް މަޖިލިސް މެމްބަރުންނަށް އަޅުގަނޑުމެން ހިއްސާ ކުރިން،" އޭނާ ކިޔައިދިނެވެ.

މަލޭެގެ ދެކުނު ފަރާތުގައި ހިންގަމުން އަންނަ ގާޑިޔާއެއް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވިދާޅުވީ އެބޭފުޅުން ގަބޫލުކުރާގޮތުގައި ގާޑިޔާތައް ބަންދުކުރެވިގެންނުވާނެ ކަމަށާއި ހައުސިން މިނިސްޓްރީއާ އެކަމާ ގުޅޭގޮތުން ވާހަކަދައްކާނެ ކަމުގައި ކަމަށް އޭނާ ބުންޏެވެ.

"ސަން"ގެ ނޫސްވެރިން ގާޑިޔާތަކަށް ދިޔަ އިރު ބައެއް ގާޑިޔާތައް ބަންދު ކުރުމުގެ މަސައްކަތް އެ ގާޑިޔާތައް ތަކުގެ ވެރިން ކުރަމުންދިޔަ މަންޒަރު ފެނުނެވެ. އަދި ގާޑިޔާ ތަކުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ހައުސިން މިނިސްޓްރީން އެތަންތަން ހުސްކުރަން އެންގީ އެކަށީގެންވާ މުއްދަތު ނުދީއެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މާލޭގެ ދެކުނު ފަރާތުގައި 30 އަށް ވުރެ ގާޑިޔާ ހުރިއިރު އެ ގަޑިޔާ ތަކަކީ ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފައިދާތަކެއް ލިބެމުންދާ ތަނެކެވެ. އަދި ފަހަކަށް އައިސް ބިދޭސީންގެ ނުފޫޒް ގާޑިޔާ ވިޔަފާރި އަށް ފޯރާފައިވާކަމަށް އެ ވިޔަފާރި ކުރާ ބައެއް ދިވެހި ސެޓުން ވަނީ ބުނެފައެވެ.