16 Nov 2017, 11:03
އިނގިރޭސި ޓީމުތަކަށް ފިނިމޫސުމުގެ ކަލަންޑަރުގެ ޝެޑިއުލްގެ ސަބަބުން ޗެމްޕިއަންސް ލީގުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16އަށް ދަތުރުކުރާނެ ކަމަށް ބޮޑަށް ބެލެވޭ ކްލަބުތަކުގެ ތެރޭގައި އިނގިރޭސި ފަސް ކްލަބު ހިމެނެ އެވެ. އިނގިރޭސި ކްލަބުތަކުގެ ތެރެއިން މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާ، ގަދަ 16 އަށް ދަތުރުކޮށްފައިވާ އިރު ޗެލްސީ އާއި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑް ވެސް އުޅެނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމާ ގާތުގަ އެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދާ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ، ފިނުމޫސުމުގައި އިނގިރޭސި ފުޓްބޯޅަ ކަލަންޑަރު ބާރު ބޮޑުވުމުގެ ސަބަބުން، ޔޫރަޕްގައި އިނގިރޭސި ޓީމުތަކަށް އެންމެ ރަނގަޅު ކުޅުން ނުދެއްކިދާނެ ކަމަށެވެ.
"އަހަރެން އަބަދުވެސް ބުނަމުންމިދަނީ ޗެމްޕިއަންސް ލީގު ފެބްރުއަރީ މަހު ފަށާ ވާހަކަ. އޭރު އިނގިރޭސި ޓީމުތައް މެޗުތައް ކުޅެމުންދަނީ. ޑިސެމްބަރު އަދި ޖެނުއަރީގައި ވެސް އިނގިރޭސި ޓީމުތަކަށް މެޗުތައް ކުޅެން ޖެހޭ. ދެ މަސްތެރޭ 20 މެޗަށްވުރެ ގިނައިން ކުޅެން ޖެހޭ. ޖަރުމަނުންނާއި ފްރާންސް އާއި ސްޕެއިން އަދި އިޓަލީން މެޗު ކުޅެން ޖެހެނީ ފިނިމޫސުމަށް ފަހު. އެހެންވީމާ އަހަރެން ގަބޫލުކުރަނީ އެމީހުންނަށް އޭގެ ފައިދާ ކުރާނެ ކަމަށް،" ދަ މިރާއަށް ދިން އިންޓަވިއުއެއްގައި ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.
މޮރީނިއޯ ބުނީ، އެގޮތަށް ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ޗެމްޕިއަންސް ލީގުގެ މަތީ ސްޓޭޖުތަކަށް ދާ ވަރަކަށް އިނގިރޭސި ޓީމުތަކަށް ހާސްކަން އިތުރުވެގެންދާނެ ކަމަށާއި ލޯކަލް މުބާރާތްތަކުގައި ވެސް ނުކުންނަން ޖެހޭނީ އެންމެ ވަރުގަދަ ސްކޮޑުތަކާ އެކު ކަމަށެވެ.