ތަރައްގީގެ މަޝްރޫއުތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަޝްރޫއުތައް އެއްފަދަ ކުރުމަކީ ގޯހެއްކަމަށްއެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ 23 ވަނަ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ތާރިގް ވިދާޅުވީ އެ މަޝްރޫއުތައް އެއްފަދަ ކުރުމަކީ ވަރަށް ބޮޑު ގޯހެއްކަމަށާއި އެކަމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމާއި ސަލާމަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ހާއްސަކޮށް އެޑެޕްޓޭޝަންގެ ކަންތައްތަކަށް ބޭނުންވާ ފައިސާ ޔަގީން ކުރަން ހުރިހާ ގައުމުތަކުން ވެސް ކުރަންޖެހޭ،" ތާރިގް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހީނުކުރާހާ ބޮޑެތި ކާރިސާތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެ ކަންކަމުން ސަލާމަތްވެ ތިބުމަށް ދުރާލާ އެކަމަށް ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ"ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް"(އެސްއެލްސީޕީސް)ގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެކަމަށް ސައިންސްވެރިން ވެސް ހެކިދޭ ކަމަށެވެ.