16 Nov 2017, 17:28
މާފަންނު އެމްއެޗްއޭ މާޓް ކައިރިން މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ތިން ޒުވާނެއްގެ ގަޔަށް ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ ދެ ކުދިން ޖުވެނައިލް ކޯޓުން ދޫކޮށްލައިފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އެ ދެ ކުދިން ދޫކޮށްލީ އިއްޔެ ބަންދާ މެދު ގޮތެއް ނިންމަން ޖުވެނައިލް ކޯޓަށް ގެންދިޔުމުންނެވެ.
ނަމަވެސް ވަޅިހެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތް މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.
އެ މާރާމާރީގައި ވަޅިން ހަމަލާދިނުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ ޒުވާނާ އަށް ލިބިފައިވާ ޒަޚަމްތަކުގެ ސީރިއަސް ކަމުން އޭނާގެ ފުރާނަ ސަލާމަތްކުރެވުނީ ކުރިޔާއެވެ.
އަންގާރަ ދުވަހުގެ ހަވީރު 5:50 އެހައިކަންހާއިރު ވަޅިން ދިން ހަމަލާއާ ގުޅިގެން ސީރިއަސް ޒަޚަމްތަކެއް ލިބިފައި ވަނީ ނ. މިލަދޫ، ކާނޭޝަންމާގޭ، އަބޫބަކުރު ފާރިއުއަށެވެ.
އެ މާރާމާރީގައި ޒަޚަމްވި އިތުރު މީހަކަށް ވެސް އެ ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އެއީ ތ. ތިމަރަފުށި، މާފޮޅޭގޭ، ހަމްދާން ހަސަނެވެ.
އެ މާރާމާރީގައި ޒަޚަމްވި ތިން ވަނަ މީހާ އެޑްމިޓްކޮށްފައެއްނުވެއެވެ.