ރޯހިތު ޝެޓީގެ "ގޯލްމާލް އެގެއިން" އަށް ބޮކްސް އޮފީހުގައި ހިފެހެއްޓުމެއް ނެތް ތަރުހީބު ލިބެމުން އެބަދެ އެވެ.

މިއަހަރު ތެރޭ 200 ކްރޯޑުގެ އާމްދަނީއެއް ހޯދި ފުރަތަމަ ހިންދީ ފިލްމަށް ގޯލްމާލް އެގެއިން ވެގެން ގޮސްފައިވާ އިރު އެ ފިލްމު އެޅުވިތާ މިހާރު މަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

ގޯލްމާލް އެގެއިން އަކީ ގޯލްމާލް ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމެވެ. އަޖޭ ދޭވްގަންގެ އިތުރުން ޕަރިނީތީ ޗޯޕްރާ، ތައްބޫ، އަރްޝަދު ވާރްސީ އަދި ތުޝާރު ކަޕޫރު ފަދަ ތަރިން ފެނިގެންދާ މި ފިލްމަކީ އަޖޭ ދޭވްގަންގެ ކެރިއަރުގައި ވެސް އެންމެ ކާމިޔާބު ފިލްމެވެ.

ގޯލްމާލް ރިލީޒްކޮށްފައި ވަނީ އިންޑިއާގައި ފާހަގަ ކުރާ ދިވާލީ ފެސްޓިވަލްއާ ދިމާކޮށެވެ. ނަތީޖާއެއްގެ ގޮތުން ފިލްމު ބަލަން ވަން މީހުންގެ އަދަދު އެންމެ ފުރަތަމަ ހަފްތާގައި އާދަޔާ ހިލާފަށް އިތުރުކަން ފާހަގަކުރެވެ އެވެ.

މި އަހަރު ފާހަގަ ކުރެވެނީ ބޮލީވުޑް ބޮކްސް އޮފީހަށް ގިނަ ފިލްމުތަކެއް އައި ނަމަވެސް ބެލުންތެރިންގެ ހިތްތައް ދަމައިގަންނަ މަދު ފިލްމުތަކެއް އެޅުވުނު އަހަރެއްގެ ގޮތުގަ އެވެ.