19 Nov 2017, 00:27
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިރޭ އިފްތިތާހުކުރި، "ހިޔާ" މަޝްރޫއު ކާމިޔާބުވިޔަ ނުދިނުމަށްޓަކައި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
"ހިޔާ" މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެ މަޝްރޫއަކީ އުއްމީދާ ގުޅިފައިވާ މަޝްރޫއެއް ކަމަށާއި، އަދި ހަމަ އެހެންމެ ފަނާ ކުރުމާވެސް ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ.
މިނިސްޓަރު ސިފަ ކުރެއްވި ގޮތުގައި، އިދިކޮޅުން އެ މަޝްރޫއު ކާމިޔާބު ވިޔަ ނުދިނުމަށް ކުރި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.
"މި ޕްރޮޖެކްޓުގައި ވެސް ފަނާ ކުރުމާއި އުންމީދާ ގުޅިފައިވާކަން އަޅުގަނޑު ދަންނަވާލަން ބޭނުން. ރައީސް ޔާމީން ހާދަހާ މަސައްކަތެއް ކުރައްވައިފިޔޭ، މި ހަގީގަތް ވުޖޫދަށް ގެނައުމަށްޓަކައި،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި ފައިސާ ލިބުނަ ނުދިނުމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާއަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރީ، ގެދޮރުވެރިކަމުގެ މަޝްރޫއު ކާމިޔާބު ވެއްޖެ ނަމަ އިދިކޮޅު ފަރާތްތަކުން އެމީހުންގެ އުއްމީދުތަކާ އަލްވަދާއު ކިޔަންޖެހޭނެކަން އެމީހުން ގަބޫލުކުރާތީ ކަމަށް ސައީދު ވިދާޅުވި އެވެ.
"އެއީ އެ ބޭފުޅުންނަށް ޔަގީންވާ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ގެދޮރުވެރިކަމުގެ ހިޔާ މިތަނަށް އައިއްސި ކަމުގައި ވަންޏާ، ދެން ސިޔާސީ ގޮތުން އެ ބޭފުޅުންގެ އުންމީދުތަކަށް ޓާޓާ ކިޔަންޖެހޭނެ ކަން. ނުވަތަ އަލްވަދާއު ކިޔަންޖެހޭނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއަކީ ދިވެހި ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއު އިފްތިތާހްކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.
އެ މަޝްރޫއުގެ ދަށުން އެއްލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.