ރާއްޖޭގެ މުޖުތަމައުގައި ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް ކުއްކަޖަށް އަނިޔާއެއް ލިބޭ ދުވަހެއް ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް ބައިނަލް އަގްވާމީ ގޮތުން ފާހަގަ ކުރާ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޒެނީޝާ ދެއްވި ހިތާބުގައި ވިދާޅުވީ، އަނިޔާއިން ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެއް ކަމަށެވެ.

އެހެން ނަމަވެސް ތަފާސް ހިސާބުތަކަށް ބަލާލުމުން އެނގިގެން ދަނީ ކޮންމެ ދުވަހަކީ ވެސް ކުއްޖަކަށް އަނިޔާ ލިބޭ ދުވަހެއް ކަމަށެވެ.

"ތަފާސް ހިސާބުތަކުން ހާމަވެގެންދާ ހިތާމަވެރި ހަގީގަތަކީ، ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައުގައި ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް ކުއްޖަކަށް އަނިޔާއެއް ލިބޭ ދުވަހެއް ކަން،" ޒެނީޝާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮންމެ މަހަކު ވެސް އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ދެބައިކުޅަ އެއްބައި މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ މައްސަލަތައް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި 480 އަށްވުރެ ގިނަ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާކަން ޒެނީޝާ ފާހަގަ ކުރެއްވި އެވެ. އެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ އިތުރުން އިހުމާލުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

މިނިސްޓަރުގެ ހިތާބުގައި އަނިޔާގެ ސަބަބުން ކުއްޖާއަށާއި އެކުދިންގެ އާއިލާއަށް ކުރާ އަސަރުތައް ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ ސަބަބުން އިޖްތިމާއީ އަދި އިގްތިޞާދީ ގެއްލުން ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒެނީޝާ ވިދާޅުވީ، އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުއްޖަކަށް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާއަކީވެސް ހުއްޓުވޭނެ ކަމެއް ކަމަށް ޒެނީޝާ ވިދާޅުވި އެވެ.

"ކުޑަކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާއަކީ ވެސް ހުއްޓުވޭނެ ކަމެއް. އެހެން ކަމުން އެހީއަށް އެދޭނެ ފަރާތެއް ނެތި އެއްވެސް ކުއްޖަކު އަނިޔާ ތަހައްމަލު ކުރަމުން ދިއުމަކީ ހާއްސަ ގޮތެއްގައި ދިވެހި ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ވެގެން ވާނެ ކަމެއް ނޫން،" ޒެނީޝާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ކަންބޮޑުވާން ޖެހޭ ފަދަ އަލާމާތްތަކަށް ސަމާލުވެ އަނިޔާލިބެމުންދާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.