20 Nov 2017, 13:49
ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމުގައި ހިޔާލު ތަފާތުވެ އިދިކޮޅު މެންބަރުން ބަޖެޓު ދިރާސާ ކުރާ ކޮމެޓީ ބޮއިކަޓުކޮށް ނިކުމެވަޑައިގެންފި އެވެ.
ބަޖެޓެ ކޮމެޓީގައި މިއަދު އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އާއި އޮޑިޓާ ޖެނަރަލް ބަޖެޓަށް ދެއްވާފައިވާ ލަފާފުޅު ކޮމެޓީއަށް އިއްވައި ބަހުސް ކުރުމެވެ.
ލިއުމުން ހުށަހެޅި ދެ ލަފާ ފުޅަށް ބަހުސަށް ހުޅުވާލުމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ ބަހުސް ކުރެއްވުމުގައި ކޮންމެ މެންބަރަކަށް ވެސް ތިން މިނެޓް ދިނުމަށެވެ.
ނަމަވެސް އެމްޑީޕީގެ ފަރާތުން ވާހަކަފުޅު ދެއްކެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފް ވިދާޅުވީ ބެޖެޓް ކޮމެޓީ ފެށިގެން ވެސް ހުރިހާ ބައްދަލުވުމެއްގައި ވެސް މެންބަރުންނަށް ފުރުސަތު ދެމުންދިޔައީ ކޮންމެ ޕާޓީއަކަށް ވެސް ވަކި ވަރަކަށް ވަގުތު ކަމަށެވެ.
ރިޔާޒު ރަޝީދު އެ ގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުން ކޮމެޓީގައި މަދުވުމުން އެ ޕާޓީގެ އަޑު ފަޑުކޮށްލުމަށް ކަމަށް ވިދާޅުވެ، މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރެއްވުމަށް އިދިކޮޅު މެންބަރުން ތަކުރާރުކޮށް އެދެމުންނެވެ.
"އަޅުގަނޑުމެންގެ ހައްގެއް މި ގެއްލެނީ. އެމްޑީޕީ އަށް 20 މިނެޓް ދީފައި އޮތީ މުޅި މަޖިލީހުގެ އާންމު އުސޫލުން އަމަލުކުރާ ގޮތުން. އެހެން އެ ގޮތަށް އޮންނަ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންގެ އަޣުލަބިއްޔަތު އޮންނަ ދުވަހަކު އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ހަމަ ފުރުސަތެއް ނުދޭނެ ދެއްތޯ،"
"މެޖޯރިޓީޒަމް އަކީ މުޅި ގައުމުގެ މަސަލަހަތު ގެއްލޭނެ ކަމެއް. އޭގެ އެންމެ ނިކަމެތި މީހާގެ ހައްގު ވެސް ހިމާޔާތް ކޮށްގެން އެކަން ކުރެވޭނީ. އަޅުގަނޑު އެއްގޮތަކަށް ވެސް ބަލައެއް ނުގަންނަން އަޅުގަނޑުމެން މިތާ ނުތިބެ ނިކުމެގެން ދާނީ. ކަނޑައެޅިގެން މި ދަންނަވަނީ އަޅުގަނޑުމެން ނިކުމެގެން ދާނީ. އަޅުގަނޑުމެން އެއްޗެއް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ ހައްގުވާ 20 މިނެޓް އަޅުގަނޑުމެނަށް ދެއްވަންޏާ ދެއްވަންވީ ނުދެއްވާ ތިޔަ ބޭފުޅުން މެޖޯރިޓީ ބޭނުންކުރައްވަންޏާ އަޅުގަނޑުމެން ނިކުމެގެން ދާނީ،" އިބްރާހިމް ޝަރީފު ވިދާޅުވި އެވެ.
ޝާރީފްގެ ވާހަކަފުޅަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ކޮމެޓީއަށް އެމްޑީޕީގެ މެންބަރުން ހާޒިރުވެ ވަޑައިގެން ނުގެންނެވުމަކީ ގައުމަށާއި އެ މެންބަރުން ނިސްބަތްވާ ދާއިރާތަކަށް ޒިންމާދާރު ނުވުން ކަމަށާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ނަމޫނާ އަކަށް ބަލައިގެން އިދިކޮޅު މެންބަރުން ވެސް މަސަތްކަތްފުޅު ކުރައްވަން ޖެހޭ ކަމަށެވެ.
ކޮމެޓީ ސުލްހަވަރިކަމާ އެކު ގެންދެވޭތޯ މަސަތްކަތް ކުރައްވަމުން މުގައްރިރު އަހްމަދު ނިހާން ހުސެން މަނިކް ވަނީ ރިޔާޒު ރަޝީދަށް ފުރުސަތު ދެއްވައިފަ އެވެ. ނަމަވެސް ރިޔާޒު ވިދާޅުވީ އޭނާގެ ހުށަހެޅުން އަނބުރާ ނުގެންދަވާނެ ކަމަށާއި އިދިކޮޅު މެންބަރުން ކޮމެޓީ ދޫކުރައްވައި ވަޑައިގަތަސް ފަރުވާލެއް ނެތް ކަމަށެވެ.
އެހިސާބުން އިދިކޮޅު މެންބަރުން ވަނީ ކޮމެޓީ ދޫކުރައްވައި ނިކުމެވަޑައިގެންފަ އެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައިވާ ބަޖެޓް ކޮމެޓީގައި ޖުމްލަ 24 މެންބަރުން ތިއްބަވަ އެވެ. މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ 20 މެންބަރުންނެވެ.