20 Nov 2017, 16:04
ނިއުދިއްލީ (ނޮވެމްބަރު 20) : އިންޑިއާގެ ބޮލީވުޑްގެ ފިލްމެއްކަމަށްވާ "ޕަދްމަވާތީ"ގެ ބަތަލާ ދީޕިކާ ޕަދްކޯން އާއި އެފިލްމު ޑައިރެކްޓަރު ސަންޖޭ ބާންސާލީ މަރާލި މީހަކަށް 100 މިލިޔަން އިންޑިޔަން ރުޕީ (1.5 މިލިޔަން ޑޮލަރު)ގެ އިނާމެއް އިންޑިއާގައި ވެރިކަން ކުރާ ބަހަރްތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް ބޭފުޅެއް ކަމަށްވާ ސުވަރާޖް ބާލް އަމޫ ހުށަހަޅުއްވުމުން ހޫނުވެއްޖެ އެވެ.
ހިންދޫންގެ ގައުމިއްޔަތުގައި ހައްދު ފަހަނަޅާފައިވާ ޕާޓީއެއް ކަމަށް ސިފަކުރެވޭ ބީޖޭޕީ އަކީ މުސްލިމުންނާ ވަރަށް ބޮޑަށް ދުޝްމަންކަން ގެންގުޅޭ ހިންދޫ ހަރުކަށި ފިކުރުގެ ޕާޓީއެކެވެ. "ޕަދްމަވާތީ"ގެ ބަތަލާ ދީޕިކާ ޕަދްކޯން އާއި އެފިލްމު ޑައިރެކްޓަރު ސަންޖޭ ބާންސާލީ މަރާލި މީހަކަށް 100 މިލިޔަން އިންޑިއަން ރުޕީ (1.5 މިލިޔަން ޑޮލަރު)ގެ އިނާމެއް ހުށަހެޅުއްވީ އެފިލްމަކީ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ކަމަށާއި އެއިން މުސްލިމް ބަތަލުންގެ ގަދަފަދަ ކަމާއި ހިންދޫންގެ ފިނޑިކަން ފެންނާތީ ކަމަށް ބާލް އަމޫ ވިދާޅުވި އެވެ.
މުސްލިމުންނަކީ ހިންދޫންނާ ލޯބީގެ ގުޅުންތައް ބާއްވާ ވަރަށް ވުރެ މާފެންވަރު ދަށްބައެއް ކަމަށާއި މިފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އިންޑިއާގައި ފިލްމު ކުޅުމަކީ ހިންދޫންގެ އަގީދާއާއި ގަބޫލުކުރުންތަކައް ކުރެވޭ ބޮޑު އިހާތާނެއް ކަމަށް ބާލް އަމޫ ވިދާޅުވި އެވެ. ބާލް އަމޫ އަކީ އިންޑިއާގެ ބޮލީވުޑް ފިލްމު އިންޑަސްޓްރީ ހުންނަ މުންބާއި ނިސްބަތްވާ ހަރިޔާނާ ސްޓޭޓްގައި ހުންނަވާ ބީޖޭޕީގެ އެންމެ އިސް ލީޑަރެވެ. "ޕަދްމަވާތީ" އިންޑިއާގެ ސިނަމާތަކުގައި އެޅުވުމަށް ކުރިން ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް އެފިލްމާ ދެކޮޅަށް ބީޖޭޕީ އަޑީގައި އޮވެގެން ހިންދޫންގެ ހަރުކަށި ފަރާތްތަކުން ވަރުގަދައަށް މުޒާހަރާކުރަމުންގެންދާތީ މިހާރު ވަނީ ފިލްމުއަޅުވާ ތާރީޚު ފަސްކޮށްފަ އެވެ.
ބީޖޭޕީގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ހަރުކަށި އަދި މުސްލިމުންނާ ދުޝްމަން ހިންދޫ ލީޑަރުން އަޑީގައި ތިއްބަވައިގެން ހިންދޫންގެ އާދައިގެ ރައްޔިތުން ކުރީ ސަފަށް ނެރެގެން "ޕަދްމަވާތީ" އާ ދެކޮޅަށް ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި އެމީހުން ވަނީ "ޕަދްމަވާތީ" އަޅުވާ ސިނަމާތައް އަންދާލާނެ ކަމުގެ އިންޒާރުތައް ވެސް ދީފަ އެވެ.
"ޕަދްމަވާތީ"ގެ ޓްރެއިލާ ދެއްކި ސިނަމާއަށް ވެސް ހިންދޫ ހަރުކަށި ފަރާތްތަކުން ވަނީ ހަމަލާތަކެއް ދީފަ އެވެ. އެފިލްމުގައި ދީޕިކާގެ އިތުރުން ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ވެސް އިސް ރޯލުތައް އަދާކުރެ އެވެ. ދީޕިކާ އާއި އާއި އެފިލްމު ޑައިރެކްޓަރު ސަންޖޭ ބާންސާލީ މަރާލި މީހަކަށް 100 މިލިޔަން އިންޑިއަން ރުޕީގެ އިނާމެއް ބީޖޭޕީގެ އިސް ބޭފުޅެއްކަމަށްވާ ސުވަރާޖް ބާލް އަމޫ ހުށަހެޅުއްވި އިރު ހިންދޫ ހަރުކަށި އެހެން ފަރާތްތަކުން ގެންދަނީ އެފިލްމުގައި އިސް ރޯލު އަދާކުރާ އެހެން ފަރާތްތަކަށް ވެސް މަރުގެ އިންޒާރުތައް ދެމުންނެވެ.
"ޕަދްމަވާތީ"ގެ ޕްރޮޑިއުސްކުރި "ވަޔާކޮމް އެއިޓީން މޯޝަން ޕިކްޗާސް" އިން މިހާރުވަނީ ހަރުކަށި ހިންދޫންގެ އިންޒާރުތަކާ ގުޅިގެން އެ ފިލްމު އިފްތިތާޙް ކުރާ ތާރީޚު ފަސްކުރަން ނިންމާފަ އެވެ.
"ޕަދްމަވާތީ" އަކީ މީލާދީ ގޮތުން ސޯޅަވަނަ ގަރުނުގެ ރަޕްސެޑީ (ޅެންބަހުރުވައިން ލިޔެފައިވާ އެޒަމާނުގެ ބުތޫލީ (ހިރޮއިކް) ވާހަކައެއް)ގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. އެ ރަޕްސެޑީ އަށް ކިޔަނީ "ޕަދްމަވާތް" އެވެ. އޭގައި މުސްލިމް އަބްތާލުންގެ މޮޅުކަމާއި ހިއްވަރު ގަދަކަން ވަރަށް ބޮޑަށް ހިމެނެ އެވެ.
ހަރުކަށި ހިންދޫން ރުޅި އަންނަނީ އެދުވަސްވަރު އިންޑިއާގައި މުސްލިމް އަބްތާލުންގެ މޮޅުކަމާއި ހިއްވަރު ގަދަކަން އެ ރަޕްސެޑީން ހާމަވާތީ އެވެ. ފިލްމުން ވެސް އެކަން ހާމަވެ އެވެ. ޕަދްމަވާތް ރަޕްސެޑީގައި މުސްލިމް ރަސްކަލެއްގެ އަތްދަށުގައި އަސީރަކަށް ވެދާނެތީ ހިންދޫންގެ ރާނީއަކު (ރާޖްޕޮޓްގެ ރާނީ) އަމިއްލައަށް މަރުވާކަމަށް ބުނެފައިވެ އެވެ.
(އެސޯސިއޭޓެޑް ޕްރެސް)