24 Nov 2017, 10:34
ކުޑަކުދިން އާދަޔާ ޚިލާފަށް ފަލަވުމާ ސްމާޓް ގެޒެޓްތަކުގެ ސްކްރީނަށް މާ ގިނަވަގުތު ބެލުމާ ގުޅުން ހުރެދާނެ ކަމަށް އާ ދިރާސާ އަކުން ދައްކައިފިއެވެ.
ކުޑަކުދިންގެ ސިއްހަތާ ގުޅުންހުރި ދިރާސާ ކުރާ ޓީމަކުން ކުރިއަށް ގެންދިޔަ އެ ދިރާސާގައި ބުނެފައިވަނީ އުމުރާ އަޅާ ބަލާއިރު ކުދިން އާދަޔާ ޚިލާފަށް ފަލަވުމާ، ކޮމްޕިއުޓަރު، ލެޕްޓޮލް، ޓެބްލެޓް އަދި ފޯނު ފަދަ ސްމާޓް ގެޒެޓް ތަކާ ގުޅުން ހުރެދާނެ ކަމަށެވެ.
ދުވާލަކު ގިނަވެގެން ކުދިންނަށް ސްކްރީން ޓައިމްގެ ގޮތުގައި ދޭންވާނީ ދެ ގަޑިއިރުކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
މާސް މީޑިއާގެ ސަބަބުން ކުދިންނަށް ކުރާ ނަފްސާނީ އަސަރާ، މާސް މީޑިއާ އާ ކުދިންގެ ސިއްހަތާ ގުޅުން ހުރި މިންވަރު ކުޑަކުދިންގެ ޑޮކްޓަރުން، ކުދިންގެ ބެލެނިވެރިންނަށް އަންގައިދޭން ޖެހޭ ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.
މިފަދަ ގެޒެޓް ތަކުގެ ސަބަބުން ކުދިންގެ ނިދުމަށް ވެސް އަސަރު ކުރާކަން ފާހަގަކޮށް ދިރާސާގައި ބުނެފައިވަނީ ހަމަ ނިދި ނުލިބޭނަމަ ހަށިގަނޑުގެ ހެދިބޮޑުވުމަށް އަސަރުކޮށް، އާދަޔާ ހިލާފަށް ފަލަވުން އެކަށީގެންވާ ކަމަށެވެ.
ސްމާޓް ގެޒެޓްތަކާ ކުދިން ދުރުވާނީ ބެލެނިވެރިންވެސް ނަމޫނާ ދައްކައިގެން ކަމަށާއި، އެހެން ކަމުން ބެލެނިވެރިންނާ މައިންބަފައިން ވެސް ފޯނު، ޓެބް އަދި ކޮމްޕިއުޓަރު ފަދަ ތަކެތި ކުދިންގެ ކުރިމަތީ ބޭނުން ކުރުން މަދުކުރަން ޖެހޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
މަސްދަރު: އިންޑިޕެންޑެންޓް