ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެގެން ބްރެޒިލް ފޯވާޑް ރޮބީނިއޯ، ނުވަ އަހަރަށް ޖަލަށް ލުމަށް މިލާންގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ކުރިން އޭސީ މިލާނާއި މެންޗެސްޓާ ސިޓީއަށް ކުޅުނު ރޮބީނިއޯ، އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 22ގައި ކަމަށް އިޓަލީގެ ނޫސް އެޖެންސީ އޭއެންއެސްއޭ އިން ރިޕޯޓުކުރެ އެވެ.

މިލާނުގެ ކޯޓުން ކުރި ހުކުމާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި، އެ އަންހެން މީހާއަށް ރޮބީނިއޯ ޖިންސީ ގޯނާ ކޮށްފައި ވަނީ ނައިޓް ކުލަބެއްގެ ތެރެއިން އިތުރު ފަސް މީހުންނާ އެކު ކަމަށެވެ. އެކަން ހިނގާފައި ވަނީ އޭސީ މިލާނަށް އޭނާ ކުޅުނު ދުވަސްވަރު އެވެ. މިލާނަށް ރޮބީނިއޯ ކުޅުނީ 2010 އިން ފެށިގެން 2015ގެ ނިޔަލަށެވެ.

ބްރެޒިލްގެ ގާނޫނު ބުނާގޮތުން، ބްރެޒިލްގެ ރައްޔިތެއް ނަމަ އެހެން ގައުމެއްގައި ކުރި ހުކުމެއް އަމިއްލަ ގައުމުގައި ހުރެ އެމީހަކު ތަންފީޒު ކުރާކަށް ނުޖެހޭނެ އެވެ. މިދިޔަ އަހަރުން ފެށިގެން އޭނާ ކުޅެމުންދަނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ އަށެވެ.

މިލާނުގެ އިތުރުން ރޮބީނިއޯ ވަނީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީއަށް ވެސް ކުޅެފައެވެ. އޭގެ ތެރެއިން ރޮބީނިއޯ އެންމެ ބޮޑަށް ވިދާލާފައި ވަނީ ރެއާލް އަދި ބްރެޒިލް ގައުމީ ޓީމުގައެވެ. ބްރެޒިލް ގައުމީ ޓީމަށް އެންމެ ފަހުން ރޮބީނިއޯ މެޗެއް ކުޅެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު ކޮލަމްބިއާއާ ދެކޮޅަށެވެ.