24 Nov 2017, 18:08
މިސްރުގެ ސައިނާއީގައި ހުރި މިސްކިތެއްގައި ހުކުރު ނަމާދު ކުރަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި 230 މީހުން މަރުވެއްޖެ އެވެ.
މިސްރު ދައުލަތުގެ ޓީވީ މީނާ އިން ބުނާ ގޮތުގައި، އެ ހަމަލާ ދިފައިވަނީ ހުކުރު ހުތުބާ ދެމުން ދަނިކޮށް ކަމަށެވެ. އަދި ހަމަލާގައި 120 މީހުން ޒަހަމް ވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިސްރުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިސްކިތަށް ހަމަލާދިން ހަނގުރާމަވެރިން ހަތަރު ވެހިކަލެއްގައި އައިސް މިސްކިތަށް ބޮން އެޅުމަށްފަހު ފަހު، މިސްކިތް ތެރެއަށް ބަޑިން ހަމަލާދި ނެވެ.
"މިސްކިތަށް ބޮން އެޅުމަށްފަހު ފިލަން ދަމުން އެމީހުން ދިޔައީ މިސްކިތް ތެރޭގައި ތިބި މީހުންގެ ގަޔަށް ބަޑި ޖަހަމުން. އެމީހުން ދިޔައިރު އެމްބިއުލާންސް ތަކަށް ވެސް ބަޑި ޖެހި،" މިސްކިތަށް ނަމާދަށް ގޮސް ހުރި އާންމު މީހަކު ބުންޏެވެ.
ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި މިއީ މިސްރުގެ ޒަމާންވީ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. ނަމަވެސް އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.
މީގެ ހަފްތާއެއް ކުރިން ވެސް ސައިނާއީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކުން ވަނީ އެ ސަރަހައްދުގައި ތިބި މިސްރުގެ ސިފައިންގެ ބަޔަކަށް ހަމަލާދީފަ އެވެ.
މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ވެރިކަން ބަޢާވާތަކުން ވައްޓާލުމަށްފަހު އެގައުމުގެ ސައިނާއީ ސަަރަހައްދުގައި ދޭތެރެ ދޭތެރެއިން ދަނީ ހަމަލާތައް ބަދަލުކުރަމުން ނެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި އެތަކެއް ސަތޭކަ ސިފައިންނެއް ވަނީ އެފަދަ ހަމަލާތަކުގައި މަރުވެފައެވެ.
ސައިނާއީގައި ވަރުގަދަ ހަމަލާއެއް މި ފަހަރު ދީފައިވަނީ ފަލަސްތީނުގެ ގާޒާއާ ގުޅޭ މިސްރުގެ ރަފާ ބޯޑަރު ހުޅުވާލަން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.