މިސްރުގެ ސައިނާއީގައި ހުރި މިސްކިތެއްގައި އިއްޔެ ހަމަލާދިން ހަނގުރާމަވެރިން ތިބީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިދަ ހިފައިގެން ކަމަށް އެ ހާދިސާ ތަހުގީގު ކުރަމުންދާ މިސްރުގެ އޮފިޝަލުން ބުނެފި އެވެ.

އިއްޔެގެ ހުކުރު ނަމާދު ކުރަނިކޮށް ދިން އެ ހަމަލާގައި ނަމާދަށް ދިޔަ 30 ކުޑަކުއްޖަކާ އެކު 305 މީހުން މަރުވި އިރު، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ނަމަވެސް މިސްރުގެ ޒަމާންވީ ތާރީހުގައި ދިން އެންމެ ނުރައްކާތެރި އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.

މިސްރުގެ ޕަބްލިކް ޕްރޮސިކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މިސްކިތަށް ހަމަލާދިން ހަނގުރާމަވެރިންގެ ތެރެއިން ބައެއް މީހުން މާސްކު އަޅައިގެން ތިބި އިރު، އައިއެސްގެ ދިދަ ހިފައިގެން ތިބި ބަޔަކު މިލިޓަރީ ޔުނިފޯމްގައި ވެސް ތިބި ކަމަށެވެ.

"އެމީހުންގެ އަދަދު އުޅެނީ 25 އާއި 30 އާ ދެމެދު. ދައީޝް (އައިއެސް)ގެ ދިދަ ހިފައިގެން އެމީހުން މިސްކިތުގެ މައި ދޮރާއި މިސްކިތުގެ 12 ކުޑަ ދޮރު ކައިރީގައި ތިބި އޮޓޯމެޓިކް ރައިފަލްސް ތަކުން ހަމަލާދިން،" ހަމަލާދިން ސަލާމަތްވި މީހުން ދިން މައުލޫމާތުތަކަށް ބިނާކޮށް ޕަބްލިކް ޕްރޮސިކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިސްރުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުން މީގެ ކުރިން ބުނީ، އަލް ރައުދާ މިސްކިތަށް ހަމަލާދިން ހަނގުރާމަވެރިން ހަތަރު ވެހިކަލެއްގައި އައިސް މިސްކިތަށް ބޮން އެޅުމަށްފަހު ފަހު، ހަމަލާތަކުން ސަލާމަތްވާން ދުވި މީހުންގެ ގަޔަށް ވެސް ބަޑި ޖަހާފައިވާ ކަމަށެވެ.

އަދި މިސްކިތަށް ވަންނަން އޮތް މަގުތައް ބުލޮކް ކުރުމަށް ޓަކައި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ވެހިކަލްތަކުގައި ހުޅުޖެހި އިރު، ހަމަލާގައި ޒަހަމްވި މީހުންނަށް އެހީވާން ދިޔަ އެމްބިއުލާންސްތަކަށް ވެސް ބަޑި ޖަހާފައިވާ ކަމަށް މިސްރުގެ ފުލުހުން ބުނެ އެވެ.

ހަމަލާއާ ގުޅިގެން މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސިސީ ވަނީ، އެ ހަމަލާއަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހެން ވިދާޅުވުމާ އެކު މިސްރުގެ އަސްކަރިއްޔާ އިން ވަނީ ޓެރަރިސްޓުންގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.