އިންޑިއާގެ އެންމެ ބޮޑު ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ހުޅުމާލޭގެ ރީތިގަސްމަގުގައި އަމީން ކޮންސްޓްރަކްޝަނުން އިމާރަތްކޮށްފައިވާ ހައުސިން ޔުނިޓް "އޯކް ޔުނިޓް 3"ގައި އެސްބީއައިގެ ހުޅުމާލެ ބްރާންޗު ހުޅުވައި ދެއްވީ ރާއްޖޭގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު ނަސީރެވެ.

އެސްބީއައި ހުޅުމާލެ ބްރާންޗް ހުޅުވާދެއްވަނީ. އެ ބްރާންޗް ހުޅުވާދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މިއަދު ހުޅުވި ހުޅުމާލެ އެސްބީއައި ބްރާންޗާ އެކު އެ ބޭންކްގެ އޭޓީއެމް އަދި ޓިޖިޓަލްކޮށް ސެލްފް ސާވިސް ބޭންކިން "އިން ޓަޗް ކިއޮސްކް" ވެސް ވަނީ ހުޅުވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އެ ބޭންކްގެ އޭޓީއެމް ހުޅުވައި ދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަކިލޭޝް ޝަރުމާ އެވެ. އަދި ޓިޖިޓަލްކޮށް ސެލްފް ސާވިސް ބޭންކިން "އިން ޓަޗް ކިއޮސްކް" ހުޅުވައި ދެއްވީ އެސްބީއައި އިންޑިއާގެ ޗީފް ޖެނެރަލް މެނޭޖަރު ސުޖިތު ކުމާރު ވަރުމާ އެވެ.

އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސުޖިތު ކުމާރު ވަރުމާ ވިދާޅުވީ، އެސްބީއައިގެ ހުޅުމާލޭގެ ބްރާންޗު ހުޅުވުމުން އެ ބޭންކްގެ ހިދުމަތް ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ލިބިގެންދާނެ ކަމަށެވެ.

އެސްބީއައިގެ ހުޅުމާލެ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި އެސްބީއައިގެ ފަރާތުން އެސްބީއައި އިންޑިއާގެ ޗީފް ޖެނެރަލް މެނޭޖަރު ސުޖިތު ކުމާރު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ހުޅުމާލޭގައި މިއަދު ހުޅުވި އެސްބީއައިގެ ޓިޖިޓަލްކޮށް ސެލްފް ސާވިސް ބޭންކިން "އިން ޓަޗް ކިއޮސްކް" ހިދުމަތް ބޭނުންކޯށް ކަސްޓަމަރުންނަށް ބޭންކްގެ އެހީތެރިކަމަކާ ނުލާ ވެސް އެ ބޭންކުން ބޭނުންވާ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ވެސް ސުޖިތު ވިދާޅުވި އެވެ.

އެސްބީއައިގެ ހުޅުމާލެ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި އެސްބީއައިގެ ފަރާތުން ޔޫއެންޑްޑީޕީ މޯލްޑިވްސް އަށް ވަނީ ފައިސާގެ އެހީއެއް ދެއްވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މިއަދުގެ އެ ރަސްމިއްޔާތުގައި އެސްބީއައިގެ ފަރާތުން ޔޫއެންޑްޑީޕީ މޯލްޑިވްސް އަށް ވަނީ ފައިސާގެ އެހީއެއްދީފަ އެވެ.