ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅުތަކަކާއެކު ހަތަރު ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ބުނީ ހުޅުމާލޭގައި ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ހަތަރު ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ގެއެއް ބަލައި ފާސްކޮށް، ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ ގެ ބަލައި ފާސްކުރިއިރު އެ ގޭގެ ތިރީބުރިއާއި ދެ ވަނަ ފަންގިފާލާއިން ފަސް ފުޅި ބަނގުރަލާއި 38 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ހަވީރު މާލެއިން ޕިކަޕެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އަދި މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައި ވެސް މާލެ ސިނާއީ ސަރަހައްދުން ބަނގުރަލާއެކު ދެ ޒުވާނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.