ރާއްޖެ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަންނާނެކަމުގެ އިންޒާރު މި ސަރަހައްދުގެ އެއްވެސް އިދާރާއަކުން ދީފައިނުވާ ކަމަށް މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ދޮގު ކޮށްފި އެވެ.

އަންނަ ހޯމަ ދުވަހު ރާއްޖެ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަންނާނެ ކަމަށް ބުނެ ދައްކާ ވާހަކަ ދޮގުކޮށް މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެފަދަ ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރު މި ސަރަހައްދުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ދީފައި ނުވާ ކަމަށެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން 24 ގަދިއިރު މޫސުމާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރާއްޖޭގެ ސަރަހައްދުގައި ތޫފާނެއް އުފެދުމުގެ ފުރުސަތު އޮތްނަމަ ފުރަތަމަ މި އިދާރާއިން ދުރާލާ އެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" މެޓް އޮފީހުން ބުންޏެވެ.

އެ އިދާރާއިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މި ސަރަހައްދުގައި އުފެދިފައިވާ "ލޯޕުރެޝަރު ޓްރަފެއް"ގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

މިރޭ 8:00 އިން ފެށިގެން 24 ގަޑިއިރަށް މޫސުން ލަފާ ކުރާ ގޮތް:

  • ރާއްޖޭގެ ބޮޑުބަަޔަކަށް ވިއްސާރަކުރާނެ

  • ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ
  • މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • އުތުރު އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު ހަތް މޭލާ 15 މޭލާ ދެމެދު ބާރުމިނުގައި
  • ވިލާގަނޑުގައި ގަޑިއަކު 35 މޭލާ 40 މޭލު ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވޭ
  • އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަަކަށް ގަދަވާނެ
  • އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ

ރާއްޖެ ހިމެނޭ ސަރަހައްދުގައި ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރު މި ސަރަހައްދުގެ ކަމާބެހޭ އެއްވެސް އިދާރާއަކުންް ދީފައިނުވާ ކަމަށް މެޓް އޮފީހުން ބުނި ނަމަވެސް، ސަރަހައްދީ މީޓިއޯރޮލޮޖިކަލް ސެންޓަރުގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ ނިއު އިންޑިއަން އެކްސްޕުރެސް އިން ބުނެފައި ވަނީ ބޭ އޮފް ބެންގަލްގެ ކައިރިން އާ ސިސްޓަމެއް އުފެދެމުންދާ ކަމަށެވެ.

އަދި އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެ ސިސްޓަމް ސައިކްލޯނަކަށް ބަދަލުވެދާނެ ކަމަށް މަސްދަރުތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.