މިދިޔަ މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރި ކްރިސްޓަލް އެންޓަޓެއިންމެންޓްގެ ފިލްމު "ބޮސް" މާލެއާއި އަތޮޅުތެރޭގެ 97 ރަށެއްގައި ސްކްރީން ކުރުމަށްފަހު އަންނަ މަހު އަވައްޓެރި ސްރީލަންކާގައި ވެސް ދެއްކުމަށް ނިންމައިފިއެވެ.

ބޮސްގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނީ ލަންކާ ގައި ފިލްމު ދައްކާނީ އަންނަ މަހުގެ ހައެއް އަދި ހަތްވަނަ ދުވަހު ކަމަށެވެ. ޓިކެޓް ނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ނަހުލާ ބުންޏެވެ.

ލަންކާއިން ޓިކެޓް ނޯޓުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ގުޅަންޖެހޭ ނަންބަރަކީ 775034678 އެވެ.

ދިވެހި ފިލްމު "ބޮސް"ގެ "ބޮސް ދޭހާ ލޯބިވޭ" ގެ މަންޒަރެއް -- ސަން ފޮޓޯ

ބޮސް، ލަންކާގައި ސްކްރީން ކުރަން ނިންމި އިރު ރަށެއްގައި ވަނީ ފިލްމު ދައްކައިފައެވެ. އޮލިމްޕަހުގައި 27 އަށް ވުރެ ގިނަ ޝޯ ދައްކާފައިވެއެވެ. އަދި ގިނަ ރިސޯޓުތަކެއްގައިވެސް ބޮސް ވަނީ ސްކްރީން ކޮށްފައެވެ.

މާލޭގައި ް އޮންނާނީ އަންނަ މަހުގެ 3 އަދި 4 ގައެވެ. މީގެ އިތުރުން ސިނަމާ ނުލިބުމުގެ ސަބަބުން މާލެ އަދި ހުޅުމާލެ ޝްވެކް ސިނަމާގައި ބޮސް ނާޅުވާނެ ކަމަށް ވެސް ބޮސްގެ ޓީމުން ބުނެ އެވެ.

ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މިއީ މި އަހަރު އެޅުވި އެންމެ އަސަރުގަދަ، އެންމެ ވަރުގަދަ ފިލްމެވެ. އެކަމަށް އެންމެ ބާރުދޭ ކަމަކީ ބޮސް ބަލަން ވަދެފައި ނިކުންނަ މީހުންގެ ދޫދޫ މަތިން އެ ފިލްމުގެ ވަރުގަދަ ޑައިލޮގްތައް އިވޭއިވުމެވެ. ގިނަ ބައެއްގެ ފޭސްބުކް ސްޓޭޓަސްތަކުގައި ވެސް މިހާރު ހުންނަނީ ބޮސްގެ ޑައިލޮގްތަކެވެ.

ބޮސްގެ މަންޒަރެއް -- ފޮޓޯ: ބޮސް

ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.

ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިޚްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެ އެވެ.