29 Nov 2017, 12:17
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވޭތޯ މަސަތްކަތް ކުރައްވަމުން އަންނަ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
'ސަން' އާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު ދޭއް ޖަހާއިރަށް އެޖެންޑާކޮށް ސެކެޓްރިއޭޓުން މެސެޖު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް މިއަދު ޖަލްސާއެއް ބާއްވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައި ނުވާ ކަމަށެވެ.
އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ދަނީ ހަފުތާގެ ހޯމް، އަންގާރަ އަދި ބުދަ ދުވަހު އެވެ. ނަމަވެސް ހާއްސަ ކަމެއް އޮވެއްޖެ ނަމަ ބުރާސްފަތި ދުވަހު ވެސް ޖަލްސާތައް ބާއްވަ އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
މި ދައުރުގައި މަޖިލީހުގެ ބޭއްވެފައި ވަނީ ނުވަ ޖަލްސާއެކެވެ. އިދިކޮޅު މެންބަރުން ބޮއިކޮޓްކޮށްފައި ވަނިކޮށް މި ދައުރުގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 27.9 ބިލިއަން ރުފިޔާގެ ބެޖެޓު ސަރުކާރަށް ތާއިދުކުރާ 39 މެންބަރުންގެ ވޯޓާ އެކު ފާސްކޮށްފަ އެވެ.
އަދި މި ދައުރުގައި ވަނީ މޯލްޑިވަސް މީޑިއާ ކައުންސިލްގެ ބިލް މަޖިލީހަށް ވައްދައި ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން ވަނަ ދައުރަށް ފަހު ދެ މަސް ދުވަހުގެ ޗުއްޓީ ފެށޭނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
މަޖިލީހުގެ ރިސެސް ތެރޭގައި ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ބޭއްވޭނީ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅުމުންނެވެ.