ބޮލީވުޑް އެކްޓަރުން ކަމުގައިވާ އުދޭ ޗޯޕްރާ އަދި ނަރްގިސްގެ ފަޚުރީ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމަށް ޚަބަރުތައް ބުނެފި އެވެ.

ދެމީހުންގެ ގުޅުމުގެ ވާހަކަ މަދުވެފައިވަނިކޮށް، ކައިވެނި ކުރަން އުޅޭ ކަމަށް ޚަބަރުތައް ބުންނަ ފަށައިފައި މިވަނީ އުދޭ އާއި އޭނާގެ މަންމައާ އެކު ނަރްގިސް އެއް ގެއެއްގައި ދިރިއުޅެމުން ދާތީ އެވެ.

އުދޭ އާއި ނަރްގިސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ނަމަވެސް އެއްވެސް އިރެއްގައި ދެ މީހުން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ. އަބަދުވެސް ބުނަމުން ދިޔައީ ދެމީހުންނަކީ ގާތް އެކުވެރިން ކަމަށެވެ.

މިދިޔަ އަހަރު ފަހުކޮޅު ދެމީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ޚަބަރުތައް ބުންޏެވެ. އަދި ދެމީހުން ވަކިވެފައި ވަނީ ދެ މީހުންގެ ކައިވެނީގެ ހުރިހާ ކަމެއް ނިމިފައި ވަނިކޮށް އުދޭ ކައިވެންޏަށް އިންކާރު ކުރުމުން ކަމަށްވެ އެވެ.

އޭގެ ފަހުން ނަރްގިސް ވަނީ މަސައްކަތާ ދުރުވެ، އެނބުރި ނިއުޔޯކަށް ވެސް ގޮސްފަ އެވެ. އޭގެ ފަހުން ދެމީހުން އަލުން ގުޅިފައިވާ ކަމަށް ޚަބަރު ފެތުރުނެވެ. އެއީ އުދޭ ކުރި ޓުވީޓެއްގެ ސަބަބުންނެވެ.

ޚަބަރުތައް ބުނާ ގޮތުން ދެމީހުންގެ ކައިވެނި އަންނަ އަހަރު ކުރީކޮޅު ކުރެވިގެންދާނެ އެވެ. ދެމީހުން ވެސް މިހާރު ކައިވެންޏަށް ތައްޔާރުވެފައިވާ ކަމަށާއި، އުދޭގެ އާއިލާ ވެސް ނަރްގިސް އާ ގަބޫލު ކަމަށްވެ އެވެ.