30 Nov 2017, 21:36
އިންޑޮނޭޝިޔާގެ ޔޮގޮޔަކާޓާގައި އޮތް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް(އައިއޭއޭއެފް) ލެވެލް ދޭއް ކޯޗާސް ލެކްޗަރާ ކޯސް މޫސާ ރަޝީދު (އެސްޕީ) ފުރިހަމަ ކޮށްފި އެވެ.
މިމަހުގެ 24 އިން 29 އަށް ކުރިއަށް ދިޔަ މި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު މޫސާ ރަޝީދަށް މިފުރުސަތު ލިބިފައި ވަނީ މީގެ ކުރިން އޭނާ ހިންގާފައިވާ ކޯޗިން ކޯސްތައް އިވެލުއޭޓް ކުރުމަށް ފަހު މިސަރަހައްދުގެ އެންމެ ރަނގަޅު ލެކްޗަރާއިންގެ ތެރޭގައި މޫސާ ފާހަގަކުރެވިފައި ވާތީ އެވެ.
މޫސާ ރަޝީދު ވަނީ 2016 ވަނަ އަހަރުގެ މެއި މަހު އައިއޭއޭއެފް ލެވެލް އެކެއް ލެކްޗަރާ ކޯސް ފުރިހަމަ ކޮށްފަ އެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސްރީ ލަންކާގައި ބޭއްވި އައިއޭއޭއެފް ކޯޗާސް ކޯހުގައި ކިޔަވައި ދީފަ އެވެ. އެއާ އެކު އޭނާ ވެފައި ވަނީ އެތުލެޓިކްސްގެ ބައިނަލްއަގްވާމީ ކޯޗިން އިންސްޓްރަކްޓާ ލައިސަންސް ލިބުނު ފުރަތަމަ ދިވެއްސަށެވެ.
މޫސާ ރަޝީދުގެ އެތުލެޓިކްސް ކޯޗިން ތަޖުރިބާއަށް ބަލާއިރު އޭނާ ވަނީ އައިއޭއޭއެފް ލެވެލް އެކެއް، ލެވެލް ދޭއް، ލެވެލް ތިނެއް، އަދި އޭއޭއެފް އެލީޓް ކޯޗިން ކޯސް ފުރިހަމަކޮށްފަ އެވެ. އަދި ގައުމީ ލެވެލްގެ ގިނަ އެތުލެޓިކްސް ކޯޗިން ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުގައި މޫސާ ވަނީ ހިންގައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމްގެ ހެޑް ކޯޗް ކަމާއި އެސޯސިއޭޝަންގެ ނާއިބް ރައީސްގެ މަގާމު ވެސް މޫސަ ވަނީ އަދާކޮށްފަ އެވެ.