ރާއްޖެއާ ކައިރިން ދެކުނު އޭޝިޔާ ސަރަހައްދުގައި އުފެދުނު ތޫފާން އޯޗިއާ، ބާރުގަދަ ތޫފާނަކަށް ބަދަލުވެ ރާއްޖެއާ ދުރަށް ދަތުރު ކުރަމުން އެބަދެއެވެ.

މި ސަރަހައްދުގެ މޫސުން ލަފާކުރާ އިންޑީއާ މީޓްރްލޮޖިކަލް ޑިޕާޓްމެންޓުން މިއަދު ހެނދުނު ވަނީ އޯޗިއާ، ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް ނިންމާފައެވެ. އަދި އެ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިންޑީއާ ކަނޑުން އަރަބި ކަނޑާ ދިމާލަށްކަމަށް ވެސް ބުނެފައިވެއެވެ.

ބާރުގަދަ ތޫފާނަކަށް އޯޗިއާ ބަދަލުވި ނަމަވެސް އެ ތޫފާނުގެ ނުރައްކާ ރާއްޖެއަށް ނެތް ކަމަށް މޯލްޑިވްސް މީޓްރޮލަޖީ ޑިޕާޓްމެންޓުން ބުނެއެވެ.

މީޓްރޮލަޖީގެ އޮފިޝަލަކު 'ސަން' އަށް ވިދާާޅުވީ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖޭގެ އުތުރުން ދުރަށް ހުޅަނގު ހުޅަނގު އުތުރަށް ކަމަށެވެ. ނަމަވެސް ތޫފާނާ ގުޅިގެން އުފެދިފައިވާ ވިއްސާރަ ވިލާތައް އަދިވެސް ރާއްޖޭގެ މަތީގައި ހުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ވިއްސާރަ ވިލާތައް އެންމެ ބޮޑަށް އުފެދިފައި ވަނީ މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކާ ދިމާލުންކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުތަކަށް އަދިވެސް މޫސުން ގޯސްވާނެ ކަމަށާއި ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަކުރާނެ ކަމަށެވެ.

އެހެންކަމުން އަނެއްކާވެސް މެޓް އޮފީހުން ވަނީ ހއ އިން ފެށިގެން މާލެ އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރިފައެވެ. އެ އެލާޓް ދެމި އޮންނާނީ މިއަދު ހެނދުނު 10:30 ފެށިގެން ހަވީރު 15:30 އަށް ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ޔެލޯ އެލާޓް ނެރިފައިވާ ސަރަހައްދަށް ކޮޅިގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު އާންމު ގޮތެއްގައި 30 މޭލާއި 40 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.