އުތުރުގެ ތިން އަތޮޅަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރުނު ޔެލޯ އެލާޓް އުވާލައި، ވައިޓް އެލާޓަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު، ހއ، ހދ. އަދި ށ. އަތޮޅަށް ރޭ 12:15 އިން ފެށިގެން މިއަދުގެ ހެނދުނު 6:15 އަށް ނެރެފައިވާ ޔެލޯ އެލާޓް އުވާލައި، މިއަދު ހެނދުނު ވަނީ އެ ތިން އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރު ފަހު 12:30 އާ ހަމައަށެވެ.

ވައިޓް އެލާޓަކީ އާންމު ހާލަތަކަށް އައުމުގެ ކުރިން އޮންނާ ހާލަތެވެ. އެ ހާލަތުގައި ވައިގެ ބާރުމިން އާންމުކޮށް އުޅޭނީ ގަޑިއަކު 30 މޭލަށް ވުރެ ދަށުގަ އެވެ.

ނ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ނެރުނު ވައިޓް އެލާޓް ވެސް މެޓް އޮފީހުން ވަނީ އުވާލައިފަ އެވެ.

އުތުރުގެ ތިން އަތޮޅުގެ ޔެލޯ އެލާޓް އުވާލި ނަމަވެސް، އުދަ އެރުމުގެ ފުރުސަތު އެ ތިން އަތޮޅަށް ވެސް އޮންނާނެ ކަމަށާއި އެ ސަރަހައްދުގެ ކަނޑުތައް އެހެން އަތޮޅުތަކާ ބަލާ އިރު ގަދަ ވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަަލަކު ވިދާޅުވި އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އުތުރުގެ ތިން އަތޮޅު ފިޔަވައި އެހެން އަތޮޅުތަކަށް އާއްމު ގޮތެއްގައި ވައިގެ ބާރުމިން އުޅޭނީ 15 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ.

މެޓް އޮފީހުން ބުނީ، ތޫފާންގެ އެންމެ ބާރުގަދަ ހިސާބު މިހާރު އޮތީ، މަލިކާ 120 ކިލޯ މީޓަރު ދުރުގައި ކަމަށެވެ. އަދި ތޫފާނާ ގުޅިގެން އުފެދިފައިވާ ވިލާތައް މިއަދުގެ ހަވީރު ރާއްޖެއާ ފެޔަށް ޖެހިގެން ދާނެ ކަމަށެވެ. އެހެން ކަމުން ހަވީރު ވަރަށް ބޮޑަށް ސާފުވެގެން ދާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.