04 Dec 2017, 09:11
އުރީދޫ އިން ރާއްޖޭގެ ދުވުމުގެ މައިދާނަށް މުޅިން އަލަށް ތައާރަފުކުރާ "ކަލާ ރަން" އަންނަ ހުކުރު ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސަރާއާ ގުޅިގެން ފަސްކުރެވުނު މި އިވެންޓް ކުރިން ބޭއްވުމަށް ހަމަޖައްސާފައި އޮތީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުން ފަށަން ހަމަޖެހިފައި އޮތް މި ދުވުމުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ޔުނިކްސް ސްޕޯޓްސްއާ އެކު ކުރިއަށްގެންދާ މި އިވެންޓްގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތައް ހިމެނޭ ކިޓެއް ވެސް އުރީދޫ އިން ވަނީ ދޫކޮށްފައެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭނެ ގޮތަށް އުރީދޫއިން ބާއްވަން ނިންމާފައިވާ އެ އިވެންޓަކީ ރާއްޖެއަށް މުޅިން އާ އިވެންޓެއް ނަމަވެސް އެއީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާ ދުވުމުގެ އިވެންޓެކެވެ. އަދި އެ އިވެންޓަށް ރާއްޖޭގެ ގިނަ ދުވުންތެރިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އުރީދޫ ކަލާ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުން ވެސް ދުވުން ނިންމިދާނެ އެވެ.