ރާމަﷲ (ޑިސެމްބަރު 4) : އިސްރާއީލުގެ ވެރިރަށަކީ ގުދްސު ކަމަށް އިޢްތިރާފް ވުމަށް އެމެރިކާ ކުރާ މަސައްކަތްތައް ހުއްޓުވުމަށް ޓަކައި ފަލަސްތީނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އެކަމާދެކޮޅަށް އިޙްތިޖާޖް ކުރުމަށް ފަލަސްތީނުގެ ލީޑަރުން ގޮވާލައްވައިފި އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވީ މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ފަލަސްތީނުގެ ގުދްސު ހިމާޔަތްކުރުމަށް ފަލަސްތީނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އެމެރިކާގެ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ހިސާބަށް މިހާރު ކަންތައްތައް ގޮސްފައިވާ ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމުގަ އެވެ. މިކަމުގައި އަރަބި އިސްލާމީ ދުނިޔޭގެ ރައްޔިތުން ވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަން ޔަގީންވެ ވަޑައިގަންނަވާ ކަމަށް އައްބާސް އާއި ހަނިއްޔާ ވިދާޅުވި އެވެ.

މިދެބޭފުޅުން މިކަމަށް ގޮވާލެއްވީ އިސްރާއީލުގެ ވެރިރަށަކީ ގުދްސު ކަމަށް އިޢްތިރާފް ވުމުގެ ނިންމުން އަންނަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ރަށެއްގައި މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ގުދްސަކީ 1967 ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ހިފާފައިވާ ރަށެކެވެ. ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އިސްރާއީލުން 1984 ވަނަ އަހަރު ނިންމާފައިވާ ޣައިރު ގާނޫނީ ނިންމުމުން ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް ގަބޫލުކޮށްފައެއް ނުވެ އެވެ. ނަމަވެސް އިސްރާއީލުގެ ޣައިރު ގާނޫނީ އެ ނިންމުމުން ގަބޫލުކުރުމަށް އެމެރިކާ މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތްތައް ހުއްޓުވުމަށް ޓަކައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އަރަބި ލީގާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީ އާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ކުއްލި ޖަލްސާތަކެއް ބާއްވައި ދިނުމަށް އަރަބި އިސްލާމީ ބައެއް ލީޑަރުންނަށް ފޯނުން ގުޅުއްވައި އެބޭފުޅުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އިޢްތިރާފްވުމަށް އެމެރިކާ ނިންމަން އުޅޭ މިނިންމުމަކީ ފަލަސްތީނުގެ އިތުރުން މުޅި އިސްލާމީ އުންމަތަށް ކުރިމަތިވާ ވަރަށް ޚުތޫރަތްތެރި ގޮންޖެހުމެއް ކަމަށް މުސްލިމުން ދެކެ އެވެ. އަނެއްކޮޅުން އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމާމެދު ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުން ވެސް ލަސްތަކެއްނުވެ ތަންފީޒުކުރުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިދެގޮތުންކުރެ ގޮތަކަށް އެމެރިކާ އަމަލުކޮށްފި ނަމަވެސް އިސްރާއީލަކީ ދައުލަތެއްކަމަށް ގަބޫލުނުކުރާނެ ކަމުގެ އިންޒާރު ފަލަސްތީނުން ވަނީ ދީފަ އެވެ. ފަލަސްތީނުގެ މަސްއޫލުވެރިއެއްކަމަށްވާ ސާއިބު އުރައިގާތު ވަނީ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށްފި ނަމަ ނުވަތަ އިސްރާއީލުގެ ވެރިރަށަކީ ގުދްސު ކަމަށް އެމެރިކާ ގަބޫލުކޮށްފި ނަމަ އިސްރާއީލާ އެކު ސުލްޙައިގެ ވާހަކަތައް ދެއްކުން މުޅިން ނިމުނީ ކަމަށް ވިދާޅުވެ އެކަން އެމެރިކާއަށް އަންގަވައިފަ އެވެ.

ނަމަވެސް ފަލަސްތީނުގެ ސަރުކާރަކީ އެމެރިކާގެ މާލީ އެހީތެރިކަމަށް ބަރޯސާވާ ސަރުކާރަކަށް ވެފައި އަދި ފަލަސްތީނަށް ވާގިވެރިވާންތިބި އަރަބި ގައުމުތައް ބައިބައިވެފައިވުމާ އެކު ސައޫދީ އާއި ގަލްފުގެ ބައެއް އަރަބި ގައުމުތަކުން ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާ ގުޅުންތައް ބަދަހި ކުރަމުން ގެންދާތީ މިމައްސަލާގައި އެމެރިކާގެ ނިންމުން ބަދަލުކުރެވޭ ފަދަ ފިއްތުންތަކެއް އަރަބިންގެ ފަރާތުން އެމެރިކާ އަށް ކުރިމަތި ނުކުރެވޭނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.

އިސްލާމީ ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައިވާ އަރާރުންތަކާއި ފިތްނައާ އަދި އިސްލާމީ ބައެއް ގައުމުތައް އަނެއް ބައިގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ އެގައުމުތަކުގައި ހަނގުރާމަ ކުރަމުންދިޔުމުގެ ސަބަބުން އަރަބިންގެ ހާލަތު މިހާރުވަނީ ފަހުގެ ތާރީޚެއްގައި ދަށަށްނުދާ މިންވަރަށް ދަށަށްގޮސްފަ އެވެ. ސައޫދީ އިސްކޮށް އޮވެގެން ޔަމަންގެ ހޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޔަމަންގައިވަނީ ކޮލެރާ ފެތުރި ހައިހޫނުކަން އާންމުވެފަ އެވެ.

ސޫރިޔާ، ލީބިޔާ އަދި ޔަމަންގައި ހިނގާ ހަނގުރާމަތަކަކީ އަރަބި އިސްލާމީ ބައެއް ގައުމުތަށް ފަހަތުގައި ތިބެގެން ކުރާ ހަނގުރާމަތަކެކެވެ. އެހަނގުރާމަތަކުން އެގައުމުތަށް ހަލާކުވެ ފަނާވަމުންދާ މިންވަރާއި ރައްޔިތުންނަށް ލިބޭ ގެއްލުންތަކާއި މަރުވަމުންދާ ކުށެއްނެތް އާންމުންގެ އަދަދު ގިނަކަމުން ފަލަސްތީނުގެ މައްސަލައާއި ގުދްސުގެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް އެއްފަރާތްވެފަ އެވެ. ނަމަވެސް އިސްލާމީ ގައުމުތަކުގައި އިސްލާމީ ގައުމުތަށް އަޑީގައި ތިބެގެން މިކުރާ ހަނގުރާމައަކީ އިސްރާއީލާއި އެމެރިކާގެ ރޭވުންތަކުގެ ދަށުން ފަލަސްތީނުގެ މައްސަލަ އޮއްބާލައި މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ދުޝްމަން ކުރުވުމުގެ ނުރައްކާތެރި ރޭވުމެއްގެ ދަށުން ހިނގަމުންދާ ހަނގުރާމަތަކެއް މުފައްކިރުން ސިފަކުރައްވަ އެވެ. (ނޫސްއެޖެންސީތައް)