ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އިން ދަމަހައްޓަމުން ދިޔަ، މޮޅުވުމުގެ ރެކޯޑަށް ބަޔާން މިއުނިކުން ނިމުމެއް ގެނެސްފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ޕީއެސްޖީގެ މައްޗަށް ބަޔާނުން ކުރި ހޯދީ 3-1 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗަށް ޕީއެސްޖީ އަދި ބަޔާން ނުކުތް އިރު، އެ ދެ ޓީމަށް ވެސް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައެވެ.

އެ މެޗުގެ އަށް ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކިންގްސްލީ ކޯމަން ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ނަގައިދިން ހުރަހަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ އެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި ބަޔާނުން ދަމަހައްޓަމުން ދިޔަ ލީޑު ހަނިކޮށްފައެވެ. އެޑިންސަން ކަވާނީ ދިން ރީތި ބޯޅައަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް ކީލިއާން އެމްބާޕޭ އެވެ.

ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފައްދަމުން ދަނިކޮށް، ބަޔާނުން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. ކޯމަން ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޓޮލީސޯ އެވެ.

އެ މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް، އެ ޓީމަށް ވަނީ ގްރޫޕުގެ އެއް ވަނަ ލިބިފައެވެ. ޕީއެސްޖީ އާއި ބަޔާނަށް ވެސް ލިބިފައި ވަނީ 15 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސެލްޓިކް އަދި ގްރޫޕުގެ ފުލުގައި އޮތް އަންޑާލެހްޓް އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.