06 Dec 2017, 09:59
ފޭސްބުކަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް މީސް މީޑިއާ (ސޯޝަލް މީޑިއާ) މަންސަ (ޕްލެޓްފޯމް) އެވެ. އަލަށް ތައާރަފްވާ އިޖްތިމާއީ ވިއުގަތަކުގައި ހުންނަ، މީހުން ގަޔާވާ ފީޗާސްތައް ނަކަލުކޮށްގެންވިޔަސް ފޭސްބުކުން އަންނަނީ އޭގެ މަގުބޫލުކަން ދަމަހައްޓަމުންނެވެ.
ޓެކްނޮލަޖީގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ފޭސްބުކުން މިހާރު ތައްޔާރުވަމުން އަންނަނީ މަޝްހޫރު ވީޑިއޯ މަންސަ، ޔޫޓިއުބް ފަހަތަށް ޖައްސާލުމަށްފަހު އެންމެބޮޑު ވީޑިއޯ މަންސަގެ މަގާމުވެސް އަތުލުމަށެވެ.
އެގޮތުން ފޭސްބުކް ވޮޗްގެ ނަމުގައި މިއަހަރުގެ އޮގަސްޓްމަހު ވަނީ ފީޗާއެއް ތައާރަފްކޮށްފައެވެ. މިއީ ފޭސްބުކް މެދުވެރިކޮށް ވީޑިއޯ ބަލާ މީހުންނަށް މުސްތަގުބަލުގައި ގިނަ ފަސޭހަތަކެއް ގެނެސްދޭނެ ފީޗާއެކެވެ. އެގޮތުން ވިޑިއޯ ޕޯސްޓު ކުރާ މީހާއަށް އެއިން އާމްދަނީއެއް ލިބޭނެ ގޮތް މަގުފަހިކުރުމާއި ވީޑިއޯ ބަލާ މީހުންނަށް އެ ވީޑިއޯއަށް ރިއެކްޓްކޮށް ކޮމެންޓް ކުރުމުގެ ފުރުސަތު ލިބެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޔޫޓިއުބުން ވިޑިއޯ ބަލާ މީހުންނަށްވުރެ ފޭސްބުކް މެދުވެރިކޮށް ވީޑިއޯ ބަލާމީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ފޭސްބުކްގެ އެއް ބާނީ މާކް ޒުކަބާގް ވިދާޅުވީ، ކުރިއަށް އޮތް ފަސް ވަރަކަށް އަހަރު ތެރޭ މީސް މީޑިއާގައި އެންމެ މަގުބޫލު އެއްޗަކަށް ވީޑިއޯ ވުމަކީ ހައިރާން ވާނެ ކަމެއް ނޫން ކަމަށެވެ.
ފޭސްބުކް ވޮޗް ތައާރަފްކުރުމުގެ ކުރީގައިވެސް ފޭސްބުކްގައި 100 މިލިއަން ގަޑިއިރުގެ ވީޑިއޯ ހުރިކަމަށްވެއެވެ. ފޭސްބުކްް މެދުވެރިކޮށް ވީޑިއޯ ބަލާ މީހުންގެ އަދަދު މިހާރު އަށް މިލިއަނަށް އަރައެވެ.
ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ގިނަވުމާއި، ކޮންޓެންޓް ގިނަވުމަކީވެސް ގިނަ ބަޔަކު ފޭސްބުކް ވޮޗް ހިޔާރުކުރާނެ ސަބަބެކެވެ.
މީގެ އިތުރުން ފޭސްބުކަކީ އަދިވެސް ބާރަށް ކުރިއަރަމުން އަންނަ މަންސައަކަށްވާއިރު ޔޫޓިއުބުން މިހާރު ވަނީ އެމީހުންގެ "އެޑް ޕްރޮފިޓްގެ ބްރޭކް އީވެން" އާ ހަމައަށް ގޮސްފައެވެ. އަދި ޔޫޓިއުބަށް އިސްތިހާރުތަކުން ލިބޭ އާމްދަނީ މުސްތަގުބަލުގައި ދަށްވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ނަމަވެސް ފޭސްބުކްގެ އާމްދަނީ އިތުރުވެ ބޭނުންކުރާ މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށް ބެލެވޭތީ ޔޫޓިއުބްގެ މަގާމުވެސް ދުވަސްކޮޅެއްގެ ތެރޭ ފޭސްބުކުން އަތުލާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫޓިއުބުން ކުރިއަށް ދާނީ ފޭސްބުކްގެ ހިޔަނީގެ ފަހަތުން ކަމަށްވެސް ޓެކް ހަބަރުތައް ބުނެއެވެ.
މަސްދަރު- މެޝަބްލް