އަލީ ޒަފްރު އައްބާސް ޑައިރެކްޓްކޮށް މި މަހު 22 ގައި ރިލީޒްކުރާ ފިލްމް "ޓައިގާ ޒިންދާހޭ"ގެ ފިލްމްގެ ލަވަ "ދިލް ދިޔާން ގައްލާން" އަކީ ޔަޝްް ޗޯޕްރާ އަށް ދޭ ޓްރިބިއުޓެއް ކަމަށް ފިލްމްގެ ޑައިރެކްޓަރު ބުނެފިއެވެ.

ސަލްމާން ހާނާއި ކެޓްރީނާ ކައިފް އެ ލަވައިން ފެނިގެންދާއިރު އެ ލަވަ ރިލީޒްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.

"އަބަދުވެސް އެންމެ ކުޑައިރުވެސް ޔަޝް ޗޯޕްރާގެ ލޯބީގެ ލަވަތައް އަޑުއަހައި އުޅެން. އަދި އެ ލަވަ ތަކަށް ވަރަށް ލޯބި ވެސް ކުރަން. ހިތުގައި އޮވޭ އަބަދުވެސް އޭނާ އަށް ޓްރިބިއުޓެއް ދޭނަމޭ. ވަރަށް އުފާވޭ އަސްލު އެކަން ހާސިލް ވީމަ. ޔަޝް ޗޯޕްރާގެ ލޯބީގެ ލަވަތަކުގައި ހުންނަ އަސަރު މި ލަވައިގައި ވެސް ހުންނާނެ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ފިލްމަކީ ޔަޝްރާޖް ޕްރޮޑަކްޝަންގެ ފިލްމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ލަވަ ވެގެން ދިޔައީ އޭނާއަށް އެންމެ ހާއްސަ އެއް ލަވައަށެވެ.

މި ލަވަ ކިޔައިދީފައި ވަނީ އާތިފް އަސްލަމެވެ. އެއާއެކު އެ ލަވަ ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި 10 މިލިއަނަށް ވުރެ ގިނަ ފަހަރު ލަވަ ޔޫޓިއުބް އެކަނި މެދުވެރިކޮށް ބެލުންތެރިން ވަނީ ބަލާފައެވެ.