06 Dec 2017, 13:51
ދިހަ ވަނަ ބާލީ ޑިމޮކްރަސީ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރް އިންޑޮނޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
މި ފޯރަމް އޮންނާނީ މިމަހުގެ ހަތަކުން އަށަކަށެވެ.
މިއީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފޯރަމެކެވެ. ފޯރަމްގެ މަގްސަދަކީ ޑިމޮކްރަސީ ކުރިއަރުވައި، އޭޝިއާ ޕެސިފިކް ގައުމުތަކުގެ މެދުގައި ޑިމޮކްރަސީ ކުރިއެރުވުމަށް މަޝްވަރާކުރުމެވެ.
އެ ފޯރަމްގައި ގައުމުތަކުގެ ހާރިޖީ ދާއިރާގައި ހަރަކާތްތެރިވެލައްވާ އިސް އޮފިޝަލުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެލައްވާނެއެވެ.
މިއަހަރުގެ ފޯރަމްގެ ތީމް އަކީ "ޑަޒް ޑިމޮކްރަސީ ޑެލިވާ؟" އެވެ. އިޖްތިމާއީ އަދާލަތު ގާއިމް ކުރުމާ، މުޖްތަމައުގައި ހަމަހަމަކަން ގާއިމް ކުރުމާއި ޑިމޮކްރެޓިކް މުޖްތަމައެއް ބިނާ ކުރުމަށް ޑިމޮކްރަސީގެ ދައުރާ ގުޅޭގޮތުން މި ފޯރަމްގައި މަޝްވަރާކުރާނެއެވެ.
މި އަހަރުގެ ތީމާ ގުޅޭގޮތުން ފޮރިން ސެކްރެޓަރީ ސަރީރުވެސް ބަހުސް ކުރައްވާނެއެވެ.
ފޮރިން ސެކްރެޓަރީގެ ދަތުރުފުޅުގައި އަރިހުގައި އެމިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓާ ހީނާ ވަލީދުވެސް ބައިވެރިވެލައްވައެވެ.