ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ 609 ދިވެހި ނަރުހުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ގާބިލު މުވައްޒަފުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

އެ ވަޒީފާގެ އަސާސީ މުސާރައަކީ 5610 ރުފިޔާ އެވެ. ސާވިސް އެލަވެންސްގެ ގޮތުގައި 2500 ރުފިޔާ ލިބޭނެ ކަމަށާއި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގެ ތެރެއިން އެ މިނިސްޓްރީން ކަނޑައާޅާ ލިސްޓުގައިވާ ތަންތަނުގެ ތެރެއިން އެ މީހަކު އެދޭ ތަނެއްގަ އެވެ.

އެ މަގާމަށް ކުރިމަތިލާ މީހުން މިމަހުގެ 21 ވަނަ ދުވަހުގެ 13:30ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު، ވަޒީފާ އަށް ނުކުންނަށް އެދޭ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް ހުށަހަޅަން ޖެހެ އެވެ.