14 Dec 2017, 00:50
ގުދުސް އަކީ އިސްރާއިލުގެ ވެރިރަށް ކަމަށް އެމެރިކާއިން ކަނޑައެޅުމާ ގުޅިގެން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ފާޑުވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން ކިންގް ސަލްމާން އިއްޔެ ވިދާޅުވީ، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ބައެއް ކަމަށާއި ގުދުސާ ގުޅޭގޮތުން އެމެރިކާއިން ނިންމި ނިންމުން ބަދަލުކުރަން ގޮވާލާ ކަމަށެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއްވެސް މިހާރު ކުރިއަށްދާއިރު އެ ބައްދަލުވުމުގައިވެސް އިސްރާއިލާ ފަލަސްތީނުގެ މައްސަލައިގައި ވަނީ ބޮޑެތި މަޝްވަރާތައް ކޮށްފައެވެ.
އަދި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައިވެސް އެ ބައްދަލުވުމުގައި އިއްޔެ ވަނީ ކަނޑައަޅައިފައެވެ.
އޯއައިސީގެ މި ބައްދަލުވުމުގައި ސައުދީގެ ސަރުކާރުގެ އިސް ބޭފުޅަކު ބައިވެރިވެ ވަޑައިނުގަންނަވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ތުރުކީގައި ބާއްވާ އެ ބައްދަލުވުމުގައި ސައުދީގެ ފަރާތުން ބައިވެރިވެލައްވަނީ ފޮރިން މިނިސްޓްރީގެ އޮފިޝަލެކެވެ.
ގުދުސަކީ އިސްރާއިލުގެ ވެރިރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުންނާއި ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.