14 Dec 2017, 17:23
މިސްރު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލާޝިޕް ފުރުޞަތު އިތުރުކޮށްދެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިސްރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރާއެކު މަޝްވަރާކުރައްވައިފިއެވެ.
އެކަމާ ބެހޭގޮތުން މަޝްވަރާކުރެއްވީ، މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން- ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޙުސައިން އެލް ސަހާތީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް އޮފީހުންބުނީ، އެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ، އާ ސަފީރާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއިން ގިނަ އަދަދެއްގެ ދިވެހީން ތަޢުލީމު ޙާޞިލުކުރަމުންދާކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި އަލް-އަޒްހަރު ޔުނިވަރސިޓީން ކިޔަވަން ޝައުޤުވެރިވާ ދިވެހި ޒުވާނުން އިތުރުވަމުންދާތީ ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕް ފުރުޞަތު އިތުރު ކޮށްދިނުމަށް މަޝްވަރާކުރެއްވިކަމަސްވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި 2019 އިން 2020 ވަނަ އަހަރަށް، އ.ދ. ގެ ސެކިއުރިޓީ ކައުންސިލުގެ ނޮން ޕަރމަނަންޓް މެމްބަރަކަށް ވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގައި އެއްބާރުލެއްވުން ދެއްވުމަށް މިޞްރުގެ އާ ސަފީރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، މިއަދުގެ އެ ބައްދަލުވުމުމުގައި ދުނިޔެ ހޫނުވަމުންދާ މައްސަލަ ފަދަ ތިމާވެށީގެ ބޮޑެތި މައްސަލަތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ރާއްޖެއިން މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި މިޞްރުގެ އާ ސަފީރު ވަނީ މިޞްރުގެ ރައީސާއި، ބޮޑުވަޒީރުގެ ހެޔޮއެދުމާއި ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކޮށްދެއްވާފައެވެ. އަދި، މިޞްރުގެ އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.