16 Dec 2017, 12:48
ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމްއިއްޔާތަކުގެ ސަފީރުންނާ ބައްދަލު ނުކުރެވޭ ގޮތަށް ހެދީ ރާއްޖޭގެ ދާހިލީ މިނިވަންކަން ކަށަވަރު ކުރުމަށް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތު ދުވަހުގެ ރޭ ޕީއެސްއެމް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަން ވެސް ކުރައްވާ ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ކައުންސިލްތަކުން ބޭރުގެ މަންދޫބުންނާ ބައްދަލުކުރާ ނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމީ ރާއްޖޭގެ ސިޔާދަތާއި ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދާހިލީ ސިޔާސަތު ކަނޑައަޅަނީ ސަރުކާރުން ކަމަށާއި ކައުންސިލްތަކުން ވަކިން ބޭރުގެ މަންދޫބުންނާ ބައްދަލުކޮށް، މައުލޫމާތު ދިނުމަކީ ބޭރުގެ ގައުމުތަކާ އެކު ރާއްޖެ އިން ދަމަހައްޓާ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ "ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކާއި ދާޚިލީ ސިޔާސަތުތައް ފުށުނާރާ، އެއް ހަމައަކުން އެއްގޮތަކަށް، އެތެރޭގެ ކަންތައްތަކަށް ލޮޅުން ނާރާ ފަދަ ގޮތަކަށް ކަންކަން ކުރިއަށްގެންދެވޭނީ ސަރުކާރުން ކަނޑައަޅާފައި ހުންނަ އުސޫލުތަކާއި މިންގަނޑުތަކުގެ ތެރެއިން ކަންކަން ކުރިއަށްގެންދިޔައީމާ" ކަމަށެވެ.
އަދި އެލްޖީއޭގެ ނިންމުމާ ގުޅިގެން ބޭރުގެ އެއްވެސް ގައުމަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެލްޖީއޭ އިން ވަނީ ހޯމް މިނިސްޓްރީގެ ހުއްދައަކާ ނުލައި ޑިޕްލޮމެޓުންނާއި ބޭރުގެ ފަރާތްތައް ކައުންސިލަރުންނާ ބައްދަލު ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ސާކިއުލާއެއް ނެރެފަ އެވެ.
ބޭރުގެ އެކިއެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލުތަކުން ބައްދަލު ކުރަމުންދާ ނަމަ ރާއްޖޭގެ ޚާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫއަރައި ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫއަރާ ގޮތް ވެދާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.
ބޭރުގެ ސަފީރުންނާ ބައްދަލު ކުރި މައްސަލައެއްގައި ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން ބައްދަލު ކުރީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ އެވެ.