16 Dec 2017, 13:10
ސޯޝަލް ރަސްގެފާނަކީ ފޭސްބުކް އެވެ. ދެ ބިލިއަނަށް ވުރެ ގިނަ މީހުން ފޭސްބުކް ބޭނުންކުރާ އިރު މިއީ ކޮންމެ ދުވަހަކު ވެސް އެކި ބޭނުންތަކުގައި ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ޕްލެޓް ފޯމެކެވެ. ބައެއް މީހުންގެ އާމްދަނީ ހޯދުމަށް ބޭނުންކުރާ ވަސީލަތެވެ. އަނެއްބަޔަކު ފޫހި ފިލުވާލާ، މަޖާކޮށް ގުޅުން ބަދަހި ކުރުމަށް ފޭސްބުކްގެ ބޭނުން ކޮންމެ ދުވަހަކު ވެސް ކުރެ އެވެ.
ފޭސްބުކަށް ދެވި ހިދާފައި އެތައް ބަޔަކު ތިއްބާ ހުދު ފޭސްބުކް އިން މިވަނީ ބިރުވެރި އިންޒާރެއް ދީފަ އެވެ. ސޯޝަލް މީޑިއާ ބޭނުން ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމަށް ސޯޝަލް މީޑިއާގެ ރަސްގެފާނު މިވަނީ ބުނެފަ އެވެ.
ފޭސްބުކްގެ ޑިރެކްޓާ އޮފް ރިސާޗް ޑޭވިޑް ގިންގްސްބާގް އަދި ރިސާޗް ސައިންޓިސްޓް މޯރިއާ ބާރކް ވަނީ ފޭސްބުން ބޭނުންކުރާ މީހުންގެ މޫޑާ ގުޅޭ ގޮތުން މުހިއްމު ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.
"ޔުނިވާސިޓީ އޮފް މިޝިގަންގެ ދަރިވަރުންގެ ތެރެއިން ހޮވާލެވުނު ބައެއް ދަރިވަރުންނާ ހަވާލު ކުރެވުނީ ފޭސްބުކްގައި އެކި މީހުން ލިޔެފައި ހުންނައެއްޗެހި ކިޔުމަށް، އެކަމަށް ދިނީ 10 މިނެޓް. އަނެއްބައި ކުދިންނަށް ހަވާލު ކުރީ ފޭސްބުކްގައި އެއްޗެއް ޕޯސްޓު ކުރަން ނޫނީ ފޭސްބުކް މެދުވެރިކޮށް ރައްޓެހިންނާ ވާހަކަ ދައްކަން. ޕޯސްޓްތައް ކިޔަން ހަވާލު ކުރި ކުދިން 10 މިނެޓް ވީ އިރު ތިބީ ރަނގަޅު މޫޑެއްގައެއް ނޫން." ޑޭވިޑް އާއި މޯރިއާ ބުނެފައިވެ އެވެ.
މީގެ އިތުރުން ފޭސްބުކްގައި ހުންނަ ލިންކްތަކަށް ފިއްތާ، އެލިންކްތައް ބަލާ މީހުންގެ ތެރެއިން އެވްރެޖްކޮށް ހަތަރު ލިންކް ދުވާލަކު ބަލާ މީހުންނަކީ އެއަށް ވުރެ މަދުން އެފަދަ ލިންކްތައް ބަލާ މީހުންނާ އަޅާ ބަލާ އިރު ނަފްސާނީ ގޮތުން ބަލި މީހުން ކަމަށް ދިރާސާ އިން ދައްކާ ކަމަށް ބުނެފައިވެ އެވެ.
"އެފަދަ މީހުންގެ މެންޓަލް ހެލްތު އެވްރެޖް މީހުންނާ އަޅާ ބަލާއިރު ދަށްކަން ފާހަގަ ކުރެވުނު،"
މީގެ އިތުރުން ފޭސްބުކް އިން ބުނީ އެ ވަސީލަތް ބޭނުން ކުރާ މީހުންނަކީ ހަމައެކަނި މީހުން ލިޔެފައި ހުންނަ ޕޯސްޓްތައް ކިޔާ ލައިކް ކުރަން ބޭނުން ކުރާ ވަސީލަތެއް ނަމަ، އެ ބޭނުންކުރާ މީހާގެ މޫޑް ގޯސްވާލެއް އަވަސް ވާ ކަމަށެވެ.
"ރައްޓެހިންނަށް މެސެޖުކޮށް ވާހަކަ ދައްކާ މީހުންނާއި ފޭސްބުކް މެދުވެރިކޮށް އެހެން މީހުންނާ އިންޓަރެކްޓްކޮށް ހަދާ މީހުންނަކީ ހަމައެކަނި ހޯމް ޕޭޖް ސްކްރޯލް ކުރަން ތިބޭ މީހުންނާ އަޅާ ބަލާއިރު މެންޓަލީ ސްޓްރޯންގް ބައެއް. މިފަދަ މީހުން ޑިޕްރެސްވުމާ އެކަނިވެރިކަން އިހްސާސް ވުމުގެ ފުރުސަތު ކުޑަ،"
ދިރާސާގައި ބުނާ ގޮތުން ފޭސްބުކް ބޭނުންކުރަންވީ ރައްޓެހިންނާ އިންޓަރެކްޓްވެ ގުޅުން ބަދަހި ކުރުމަށެވެ. އެހެން މީހުންގެ ދިރިއުޅުމަށް ފާރަލާ، "ސްޓޯކް"ކޮށް ހަދާ މީހުންނަށް ނަފްސާނީ ގޮތުން އަސަރު ކުރާ ކަމަށް ފޭސްބުކް އިން ބުނެ އެވެ.
މި ދިރާސާގެ މައްޗަށް ބިނާކޮށް ފޭސްބުކް ބޭނުން ކުރާ މީހުން އެކަކު އަނެކަކަށް އިންޓަރެކްޓްވާ މިންވަރު އިތުރުކުރުމަށް އެ ޕްލެޓްފޯމަށް ބަދަލުތައް ގެންނާނެ ކަމަށް ފޭސްބުކް އިން ބުނެ އެވެ.