18 Dec 2017, 09:14
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހެދި ޕޮލިސީއަކާ ޚިލާފަށް އެކުންފުނިން ރިޓަޔާކުރި މުވައްޒަފަކަށް ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފި އެވެ.
މި އަހަރުގެ ޖޫން މަހު އެމްޕީއެލްގައި ވަޒީފާ އަދާކުރަމުންދިޔަ ސީނިއާ ޓެލީ އޮފިސަރުގެ މަގާމުގައި ހުރި އިބްރާހީމް ވަހީދު ވަކިކޮށްފައި ވަނީ، އެކުންފުނިން މި އަހަރު އެކުލަވާލާފައިވާ ރިޓަޔާމަންޓް ޕޮލިސީގެ ދަށުން ކަމަށް ބުނެ އެވެ.
އޭނާއަކީ އެމްޕީއެލްގައި 1999 ވަނަ އަހަރުން ފެށިގެން ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. އޭނާ ރިޓަޔާކޮށްފައި ވަނީ އުމުރުން 45 އަހަރުގަ އެވެ.
އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބެލުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ ނިންމި ނިންމުމުގައި ބުނެފައި ވަނީ، އެމްޕީއެލް އިން މިއަހަރު އެކުލަވާލާފައިވާ ރިޓަޔާމަންޓް ޕޮލިސީއަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ޕޮލިސީއެއްކަން އެނގެން ނެތް ކަމަށެވެ. އަދި އެ ޕޮލިސީއަކީ އެފަދަ ޕޮލިސީ ނުވަތަ ގަވާއިދުތައް ހަދައި އާއްމުކުރަންޖެހޭ ގާނޫނީ ހަމަތަކާ އެއްގޮތަށް ހަދައި އާއްމުކޮށް އަމަލުކުރަން ފަށާފައިވާ ޕޮލިސީއެއްކަމަށް ބަލާނެ ހަމައެއް ނެތް ކަމަށެވެ.
އޭގެ އިތުރުން އިބްރާހީމް ވަހީދު ރިޓަޔާކޮށްފައިވަނީ އެކުންފުނިން އެކުލަވާލި ޕޮލިސީއާވެސް ޚިލާފަށް ކަމަށް އެނގެން އޮންނަ ކަމަށް ޓްރައިބިއުނަލުގެ ނިންމުމުގައިވެ އެވެ.
އިބްރާހީމް ވަހީދު ވަޒީފާއިން ވަކިކޮށްފައިވަނީ، މަސައްކަތަށް ފަރުވާކުޑަވެގެން ކަމަށްބުނެއެވެ. އެހެން ނަމަވެސް 2010 ވަނަ އަހަރުގެ ކުރިން އެކަމާ ގުޅިގެން ނަސޭހަތް ދިނުމުން އޭނާ އިސްލާހުވެފައިވާ ކަމަށް ޓްރައިބިއުނަލުން ފާހަގަކޮށްފައިވެ އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް މަދުން ސަލާމް ބުނާ މުވައްޒަފުންނަށް ދޭ އިނާޔަތާއި، 2010 ވަނަ އަހަރު ހައްޖުދަތުރުގެ ގުރުއަތަށް ހޮވުނު އެ ކުންފުނީގެ އެންމެ ރަނގަޅު މުވައްޒަފުންގެ ތެރޭގައިވެސް އޭނާ ހިމެނިފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
އޭނާ ރިޓަޔާކޮށްފައިވަނީ އޭނާގެ އެއްވެސް ބަހެއް އަދި އިހްތިޔާރެއްވެސް ނެތި ކަމަށް އިބްރާހީމް ވަހީދު ވަނީ ބުނެފައެވެ. އަދި އެކަމަށް އެމްޕީއެލްއިން އިންކާރުކޮށްފައި ނުވާކަން ޓްރައިބިއުނަލުގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޕީއެލްގައި 65 އަހަރު ވެފައިވާ މުވައްޒަފުން ތިއްބައި، އިބްރާހީމް ވަހީދަށް 45 އަހަރުވުމުން ރިޓަޔާ ކުރުމަކީ، އިންސާފުވެރި ހަމަޖެހޭ އުސޫލަކުން ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެން ކަމުން އޭނާގެ ވަޒީފާ އަނބުރާ ދިނުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށް ޓްރައިބިއުނަލުން ނިންމި ނިންމުމުގައިވެއެވެ. އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖެހެންދެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އެމްޕީއެލްއަށް ވަނީ އަންގާފައެވެ.
އޭގެ އިތުރުން ރިޓަޔާމަންޓް އިނާޔަތުގެ ފައިސާ ކަމަށް ބުނެ އެމްޕީއެލް އިން އޭނާ އަށް ދީފައިވާ ފައިސާގެ ތެރެއިން ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ލިބެން ޖެހޭ އިނާޔަތްތަކަށް ޖެހޭ ފައިސާ އުނިކޮށް ބާކީވާ ފައިސާ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކުންފުންޏަށް ދައްކައި ހަލާސްކުރުމަށް ޓްރައިބިއުނަލުގެ ނިންމުމުގައިވެ އެވެ.