މެލޭޝިއާ އާއި ރާއްޖެއާ ދެމެދު މިއަދު ސޮއިކުރެވުނު މަތީ ތައުލީމާ ގުޅޭ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދަރިވަރުންނަށް މެލޭޝިއާގައި މަތީ ތައުލީމު ހާސިލްކުރުމުގެ އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލްރައްޒާގު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މަތީ ތައުލީމުގެ ދާއިރާއިން ސޮއިކުރެވުނު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހަޔަރ އެޑިޔުކޭޝަން"ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޝިހާމާއި، މެލޭޝިޔާގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ދާތޯ ސެރީ އިދުރީސް ބިން ޖޫސޯ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ދެގައުމުގެ ވެރިން އިއްވެވި ގުޅިފައިވާ ބަޔާނުގައި މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގެ 1700 އަށް ވުރެ ގިނަ ދަރިވަރުން މެލެޝިއާގައި ތައުލީމު ހާސިލްކުރަމުންދާ ކަމަށާއި، އެއްބަސްވުމާއެކު މި އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް މެލޭޝިއާއިން އެއްބާރުލުން ދޭނެ ކަން ފާހަގަ ކުރައްވާ ނަޖީބު ރައްޒާގު ވިދާޅުވީ، ދިވެހި ސިވިލްސާވެންޓުންނަށް މެލޭޝިއާގައި ކުރުމުއްދަތުގެ ތަމްރީނާ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.