24 Dec 2017, 11:45
މައުސޫމް ކުދި ރަށްރަށުގައި ނިކަމެތި ރައްޔިތުން އުޅޭ ހާލު އެއްވެސް ސިޔާސީ ލީޑަރެއްގެ ހިޔާލަށް ނާންނަ ކަމަށާއި ކޮންމެ މީހަކު ވެސް އިސްކަންދެނީ ބޮޑު ވާހަކަ ދައްކާފައި މޮޅު ބަސް ބުނުމަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅު މާޅެންދު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ މާޅެންދު އަށް ކުރެއްވި ޒިޔާރަތުން އެ ރަށު ރައްޔިތުން އުޅެމުންދާ ހާލު އެނގިވަޑައިގެންނެވި ކަމަށެވެ. އަދި މިއަދު ދައުލަތުގެ ފަރާތުން އެ ރަށަށް ހަދިޔާ ކުރި ބަނދަރަކީ އެތައް ޒަމާނެއް ވަންދެން އެ ރަށު ރައްޔިތުން އެދިގެން ތިބި ބަނދަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ސިޔާސީ ލީޑަރުން ރާއްޖެއާ މެދު ރާއްޖޭގެ އެކި ހިސާބުތަކުގަޔާއި ރާއްޖެ އިން ބޭރުގައި އަޅުގަނޑުމެން ހިތް ނުތަނަވަސްވާ ވާހަކަތައް ދައްކަމުންދާ އިރު ސިޔާސީ އެއްވެސް ލީޑަރެއްގެ ހިތަކަށް ނާރާ މިކަހަލަ މައުސޫމް ކުދި ރަށްތަކުގައި ރައްޔިތުން ނިކަމެތިކަމާ އެކު އުޅޭ ހާލެއް. އަބަދު ވެސް އަޅުގަނޑުމެންގެ ހިޔާލަށް އަންނަނީ ބޮޑެތި ވާހަކަ ބުނުމާއި މޮޅެތި ބަސް ބުނުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިން ރަނގަޅު މަގުގައި ހިންގުމުގެ ބާރު ވެސް އޮންނަނީ ރައްޔިތުންގެ އަތުގައި ކަމަށާއި އަދި ލިބޭ ނިއުމަތްތައް ދޫކޮށްލުމަށް ފަހު އެހެން ދިމާލަކަށް ދިޔުމުގެ ބާރު ވެސް އޮންނަނީ ރައްޔިތުންގެ އަތުގައި ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރަސީގައި ގޮތް ނިންމާ އިރު އެ ގޮތް ނިންމަން ޖެހޭނީ ނުވަތަ ވޯޓްލާން ޖެހޭނީ ނިއުމަތްތަކަށް ޝުކުރު ކުރުމާ އެކު ސިކުނޑި ބޭނުންކޮށްގެން ވަރަށް ވިސްނުމަށް ފަހުގައި ކަމަށެވެ. އަދި އެމަނިކުފާނަކީ މުލައްދަނޑީގެ ބާރުން ކަންކަން ނިންމަވާނެ ވެރިއެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް މަސައްކަތް ކޮށްދިނުން. ފާއިތުވި 10 ވަރަކަށް އަހަރު ސިޔާސީ ހަމަނުޖެހުމުން ލިބުނު ފައިދާއެއް ނެތް. ސިޔާސީ ހަމަނުޖެހުމުން ތަރައްގީ ގެނެވުނު ނަމަ މިއަދު ރާއްޖެ އޮންނާނީ މިގޮތަކަށް ނޫން." ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރު ނ. އަތޮޅުގައި އެއާޕޯޓެއް ހުޅުވާނެ ކަމަށާއި އެ އެއާޕޯޓުގެ ސަބަބުން މުޅި ނ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް މަންފާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އެއާޕޯޓުގެ ސަބަބުން މާޅެންދޫ ފަދަ ރަށްތަކުގައި ގެސްޓް ހައުސް ވިޔަފާރި އިތުރަށް ތަރައްގީވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
ރައީސް ޔާމީން މިއަދު މާޅެންދުއަށް ވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ އެ ރަށުގެ ބަނދަރު އަދި ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި މިސްކިތް ހުޅުއްވައި ދެއްވައިފަ އެވެ.